Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު

ކަޅު ނަސްލުގެ ކުޅުންތެރިންނަށް ނުރުހުން ފާޅުކުރި ޔޫކޭގެ 11މީހަކު ހައްޔަރު ކޮށްފި

ޕެނަލްޓީގައި 3-2 އިން އިންގްލޭންޑް ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދުމުން އިންގްލޭންޑް ޓީމް ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އެ ޓީމްގެ ކަޅުނަސްލުގެ ކުޅުންތެރިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ކުޅުންތެރިންނަށް އަމާޒުކޮށް ނުރުހުން ފާޅު ކުރިކަމަށް ބެލެވޭ 11 ސަޕޯޓަރަކު އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.

ހައްޔަރު ކޮށްފައިވަނީ 18 އަހަރާއި 63 އަހަރާއި ދެމެދުގެ ފިރިހެނުން ކަމަށް ވެސް ޔޫކޭގެ ފުލުހުން ވަނީ ބުނެފައެވެ.

ފައިނަލް މެޗްގައި އިންގެލޭންޑުން ނެގި 5 ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނު 3 ޕެނަލްޓީ ޖަހާފައިވަނީ ކަޅުނަސްލުގެ ކުޅުންތެރިން ކަމަށްވާ މާކަސް ރަޝްފޯޑް، ޖޭޑަން ސަންޗޯ، އަދި ބުކާޔޯ ސަކާއެވެ. މި ކުޅުންތެރިންގެ ޕެނަލްޓީތައް ކާމިޔާބު ނުކުރެވުމުން ޓީމް ބަލިވީ މިކުޅުންތެރިންގެ ސަބަބުން ކަމަށް ބުނެ އިންގްލޭންޑްގެ ސަޕޯޓަރުންދަނީ ސޯޝަލް މީޑިއާގައި މި ކުޅުންތެރިންނަށް އަމާޒުކޮށް ހިތްހަމަނުޖެހުން އިންތިހާއަށް ފާޅު ކޮށްފައެވެ.

މި ގޮތަށް މި އަމަލު ނުހިންގުމަށް ބްރިޓިޝް ޕްރައިމް މިނިސްޓަރު ބޮރިސް ޖޯންސަން ވެސް ވަނީ ރައްޔިތުންނަށް އެވަގުތު އިލްތިމާސް ކުރައްވާފައެވެ. އިންގްލޭންޑް ޓީމްގެ ފަރާތުން ވެސް ވަނީ މި އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. ޓީމްގެ ފަރާތުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އެ ބައެއްގެ ހުރިހާއެއްޗެއް އިންގްލޭންޑްގެ ޖާޒީއަށްޓަކައި ހޭދަކޮށްފައިވާ އެމީހުންގެ ޓީމްގެ މީހުން ގޮތުގައި ތިބި ބަޔަކަށް ފައިނަލް މެޗަށް ފަހު އެފަދަ ތަފާތު ކުރުން ގެނެސް ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް ހަނގާ ކުރަމުން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ކަޅުނަސްލުގެ ކުޅުންތެރިންނަށް އަމާޒުކޮށް 600 އެއްހާ ކޮމެންޓް ކުރެވިގެން ވަނީ ރިޕޯޓް ކުރެވިފައެވެ. އޭގެ ތެރެއިން 207 ކޮމެންޓެއް ފުލުހުން ވަނީ ތަހުގީގް ކޮށްފައެވެ. އެ ކޮމެންޓްތައް ކުރި ކަމަށް ބެލެވޭ 3 އެކައުންޓެއް ފުލުހުން ވަނީ ހޯދާފައެވެ. ހައްޔަރު ކުރެވުނީ އޭގެ ތެރޭގައި ހިމެނޭ 11 މީހުންނެވެ. މީގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ 123 އެކައުންޓެއް ވެސް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.