Last Updated: January 30, 20:14
Monday, January 30, 2023
ޚަބަރު

އައްޑޫގެ 63 ޕަސެންޓް މީހުން ދެވަނަ ޑޯޒް ޖަހައިފި

އައްޑޫ ސިޓީގެ އާބާދީގެ 63 ޕަސެންޓް މީހުން ވެކްސިން 2 ޑޯޒް ފުރިހަމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން އެންމެ ފަހުން އަޕްޑޭޓް ކުރެވުނު ޑޭޓާތައް ބުނާ ގޮތުން އައްޑޫ ސިޓީއިން އޮގަސްޓް 5 ވަނަ ދުވަހު ހެނދުނާއި ހަމަޔަށް 63 ޕަސެންޓް މީހުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 74 ޕަސެންޓް މީހުން ވަނީ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ އާންމު ހާލަތަކަށް ރުޖޫޢަވެގެން ފަސޭހަ ކަމާއެކު ކުރިޔަށް ދިޔުމަށްޓަކައި ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދީގެން ވެކްސިން ފުރިހަމަ ކުރުމަށް އެދިވަޑައިގެންފައެވެ.

ސްކޫލްތަކުގެ ކިޔެވުން އައު ދިރާސީ އަހަރަކަށް މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ އިރު ސްކޫލްތަކުގެ މުވައްޒަފުންނާއި ޓީޗަރުން ވެކްސިން ފުރިހަމަ ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް 1 ސެޕްޓެމްބަރުން ފެށިގެން ސްކޫލްތަކަށް ނުވަދޭނެ ކަމަށް ވެސް ވަނީ އަންގާފައެވެ. ސްކޫލް ކުދިންގެ ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށްޓަކައި ވެކްސިން ޖެއްސެވުމަށް އެޑިިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވެސް ވަނީ ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގެ ރަށްތަކަށް ބަލާއިރު ވެކްސިން ޖެހޭ އާބާދީއަށް އެއްކޮށް ވެކްސިން ޖެހި ފުރަތަމަ ރަށަކަށް އއ. މަތިވެރި ވަނީ ވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ މަތިވެރި އެއީ ނަމޫނާއަކަށް ބަލައިގެން ހުރިހާ ރަށަކުން ވެސް ވެކްސިން ފުރިހަމަ ކުރުމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގެންފައެވެ.