Last Updated: April 25, 11:18
Thursday, April 25, 2024
ވިޔަފާރި

އުރީދޫ އަތޮޅު ދުވުން ނިމެން އެއް ދުވަހަށް ވެއްޖެ

އުރީދޫ އަތޮޅު ދުވުން ނިމެން ބާކީ އެއް ދުވަހަށް ވެއްޖެއެވެ.

މި ވަރޗުއަލް ރަން މާދަމާރޭ 12:00 އަށް ހަމަވާއިރު، މި އިވެންޓް ނިންމައި، ގިނަ ބަޔަކު ދަނީ ވާޗުއަލް ސެޓްފިކެޓް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ރާއްޖޭގައި ބޭއްވުނު ފުރަތަމަ ނޭޝަންވައިޑް ވަރޗުއަލް ރަން "އުރީދޫ އަތޮޅު ދުވުން" ފުރަތަމަ ފެށިގެންދިޔައީ މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން 5،000 އަށް ވުރެ ގިނަ ބައިވެރިންނާއެކުއެވެ.

އުރީދޫން ބުނީ މި އަހަރު އެކުންފުނީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެގައި އިތުރު ފުރިހަމަކަމާއެކު މި ވަރޗުއަލް ރަން ބާއްވަނީ މިރަންއަށް ލިބިފައިވާ ބޮޑު ތަރުހީބާއެކު ދުރުގައި ތިބި ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އިވެންޓަކަށް ވާތީ ކަމަށެވެ.

މިއަހަރުގެ ރަންގައި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރ ގެ ކެޓެގަރީ ވެސް ހިމެނޭއިރު މި ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. 5 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، 1 އޯގަސްޓް އާއި 7 އޯގަސްޓް އާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެއެވެ.