Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އަފްޣާނިސްތާން ސަރުކާރުގެ މީޑިއާ އިސްވެރިޔާ ޝަހީދުކޮށްލައިފި

އަފްޣާނިސްތާން ސަރުކާރު މީޑިއާގެ އިސްވެރިޔާ ދާވާ ޚާން މިނަޕާލް

ތާލިބާން ހަނގުރާމަވެރިން އަފްޣާނިސްތާން ސަރުކާރުގެ މީޑިއާ އެންޑް އިންފޮމޭޝަން ސެންޓަރުގެ އިސްވެރިޔާ ދާވާ ޚާން މިނަޕާލް ޝަހީދު ކޮށްލައިފިއެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުން ވަނީ ތާލިބާނުންގެ ހަމަލާތައް އިތުރުވެ އަފްޣާނިސްތާނުގެ އިސް އޮފިޝަލުންނަށް ހަމަލާތައް އަމާޒު ކުރާނެ ކަމަށް ބުނުމަށްފަހު ގިނަ ހަމަލާތަކެއް އެ ފަރާތްތަކަށް އަމާޒު ކުރަމުންދާ ކަމަށް ބުނެފައެވެ. އެގޮތުން ތާލިބާނުން ނަމަކަށް ކިޔާ ޓެރަރިސްޓް ޖަމާއަތުން މިނަޕާލް ޝަހީދު ކޮށްލާފައިވާ ކަމަށް އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު މިރްވައިސް ސްޓްނިކްޒައި ވަނީ ބުނެފައެވެ.

މިނަޕާލް މީގެ ކުރިން ވަނީ އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީގެ ތަރުޖަމާނުކަން ވެސް ކުރައްވާފައެވެ. އަދި އޭނާ އަކީ އެ ގައުމުގައި ނަން މަޝްހޫރު ޖާނަލިސްޓެކެވެ.

އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިނަޕާލް ޝަހީދުކޮށްލާފައިވަނީ އޭނާ ހުކުރު ނަމާދުން ފައިބައިގެން ގެޔަށް ދިޔުމަށް ދިޔަ މަގުމަތީގައި ހަމަލާ ދީގެންނެވެ.

އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު ތާލިބާނުންގެ ދުއްތުރާ އަނެއްކާ ވެސް އެ ގައުމަށް ވަނީ ކުރަން ފަށާފައެވެ. އެ ގައުމުގެ ގިނަ ސަރަހައްދު ތަކެއް ވަނީ ތާލިބާނުންގެ އަތްދަށަށް ގެންގޮސްފައެވެ.