Last Updated: April 24, 04:09
Wednesday, April 24, 2024
ޚަބަރު

ސީއެންއެން އިން ވެކްސިން ނުޖަހާ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

އެމެރިކާގެ ކޭބަލް ނިއުސް ނެޓްވޯކް(ސީއެންއެން) އިން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ނުޖަހާ އޮފީހަށް ހާޒިރުވާ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް ނިންމައިފިއެވެ.

މިއީ އެމެރިކާގެ މިފަދަ މުވައްސަސާއަކުން ވެކްސިން ޖެހުން މަޖްބޫރުކޮށް އެއާއި ޚިލާފު ވެއްޖެނަމަ މިފަދަ ގޮތަކަށް އަމަލުކުރުމަށް ނިންމި ފުރަތަމަ ތަނެވެ. ގޫގުލް އަދި ފޭސްބުކް ފަދަ ކުންފުނިތަކުން ވެސް ވަނީ އެނބުރި ވަޒީފާއަށް ނިކުންނައިރު ހުރިހާ މުވައްޒަފުން ވެކްސިން ޖެހުމަށް އަންގާފައެވެ. އެހެން ނަމަވެސް ވެކްސިން ނުޖެހުމުން ވަޒީފާއިން ވަކި ކުރުން ފަދަ އަމަލެއް ހިންގުމަށް އަދި ނިންމީ ހަމައެކަނި ސީއެންއެން އިންނެވެ.

ވަޒީފާއިން މީހުން ވަކި ކުރުމާއި ގުޅޭގޮތުން ސީއެންއެންގެ ފަރާތުން ޗީފް ޖެފް ޒުކާ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯ ވަރަށް ގިނަ ބޭރުގެ މީޑިއާތަކަށް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޮޑެތި އެއާލައިންތައް ކަމަށްވާ ޑެލްޓާ އަދި ޔުނައިޓެޑް އެއާލައިންސުން ވެސް ދަނީ އެ ކުންފުނިތަކާއި އަލަށް ގުޅޭ މުވައްޒަފުން ވެކްސިން ޖަހާފައިވޭތޯ ކަށަވަރު ކުރަމުންނެވެ.