Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

މިދިޔަ މަހު މީރާ އަށް 624 މިލިއަން ރުފިޔާ

މިރާ، ފޮޓޯ: އަވަސް

މިދިޔަ މަހު މީރާ އަށް 624.07 މިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 6.2 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ. ނަމަވެސް، މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 13.6 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖުލައި 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޢީދު ބަންދު ދުވަސްތަކުގެ ސަބަބުން، ޖުލައި މަހުގެ ތެރޭގައި އައިސްފައިވާ ޓެކުހުގެ ސުންގަޑިތައް އޮގަސްޓު މަހަށް ފަސްކޮށްފައިވުމެވެ. އަދި، ޖުލައި 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި 2021 ގައި އިންކަމް ޓެކްސް، ޖީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ލޭންޑް ސޭލްސް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، 2020 ވަނަ އަހަރުގެ ޖުލައި މަހުގައި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖުލައި 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖުލައި 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިތުރު ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެއެވެ. މި ފީ ޖުލައި 2021 ގައި ލިބިފައި ނުވެއެވެ.

ޖުލައި 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 46.7 ޕަސެންޓް ނުވަތަ 291.59 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ %17.9 ނުވަތަ 111.90 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 109.64 މިލިއަން ރުފިޔާ (17.6%)، ގްރީން ޓެކްސްގެ ގޮތުގައި 28.19 މިލިއަން ރުފިޔާ (4.5%)، ވޯކް ޕަރމިޓް ފީގެ ގޮތުގައި 25.92 މިލިއަން ރުފިޔާ (4.2%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 56.82 މިލިއަން ރުފިޔާ (9.1%) ހިމެނެއެވެ.

ޖުލައި 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 21.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.