Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު

އުރީދޫ އާއި އޯރކާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަން ކެމްޕޭނެއް

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: ވެލާނާ އެއާޕޯޓު

އުރީދޫ މޯލްޑިވްސްއާއި އޯރކާ މީޑިއާ ގްރޫޕުން ސޯޝަލް މީޑިއާގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކެމްޕެއިނެއް ފަށައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންއާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އޯރކާ މީޑިއާ ގްރޫޕް ގުޅިގެން ވަނީ "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ޑެސްޓިނޭޝަން މާކެޓިންގ ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިން މެދުވެރިކޮށް ދުނިޔޭގެ 10 ޤައުމެއްގެ 117 މިލިއަން މީހުންނާއި ހަމައަށް ރާއްޖެ ޕްރޮމޯޓް ވެގެންދާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ. 

މި ކެމްޕެއިންގެ ބައެއްގެ ގޮތުން އުރީދޫ މޯލްޑިވްސްއާއި އޯކާ މީޑިއާ ގްރޫޕުން މިހާރު ވަނީ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ފަށާފަ އެވެ. މި ކެމްޕެއިން މެދުވެރިކޮށް ރާއްޖޭގެ ރީތި ސަގާފަތާއި ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރާނެ އެވެ.

މި ކެމްޕެއިންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

މިކަމާއި ގުޅޭގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ، ކޯވިޑް19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތައް ލިބުނު ގެއްލުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް އޭގެ އަސަރުކޮށްފައިވާކަމަށެވެ. އެހެންކަމުން އުރީދޫ މޯލްޑިވްސްގެ އަމާޒަކީ އަލުން ފަތުރުވެރިކަން ކުރިއެރުވުންކަމަށެވެ. މި ކެމްޕެއިންގެ ސަބަބުން ރާއްޖެ އިތުރަށް ބޭރުގެ މާކެޓްތަކުގައި އިޝްތިހާރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިކެމްޕޭން ޑިސެމްބަރު މަހާއި ހަމައަށް ކުރިއަށް ދާއިރު ކޮންމެ މަހަކު ވެސް ވަކި ތީމަކާއި ހާއްސަ އިނާމުތަކެއް ކަނޑައަޅާނެ އެވެ. އިނާމު ލިބޭ ފަރާތެއް ކަނޑައަޅާނީ ކޮންމެ މަހެއް ނިމުމުން ބާއްވާ ލަކީޑްރޯއަކުން ކަމަށްވެސް އުރީދޫއިން މައުލޫމާތުދެއެވެ. ފުރަތަމަ މަހުގެ ތީމަކީ ރާއްޖޭގެ ސަގާފަތާއި އާދަކާދަ އެވެ. އެހެންކަމުން ރާއްޖޭގެ ކެއިންބުއިންތަކާއި ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި ސަގާފަތް ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވޭނެ އެވެ. ލަކީޑްރޯ އިން ހޮވޭ ފަރާތަކަށް ވ. ކެޔޮދޫ ޖުޕިޓަ ސަންރައިޒްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުމެއް ލިބިގެންދާނެ އެވެ.