Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

ބަދަލު ހިފުމުގެ ރޫހެއް ނެތް، އެންމެންނަށް މައާފުކޮށްފިން: ތާލިބާން

ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށާއި އެންމެންނަށް މައާފުކޮށްފައިވާ ކަމަށް، އަފްގާނިސްތާނުގެ ބާރު އަތުލާފައިވާ ތާލިބާން ހަނގުރާމަވެރި ޖަމާއަތުން ބުނެފިއެވެ.

އަފްގާނިސްތާނުން އެމެރިކާ ސިފައިން ފޭބުމާއެކު އެގައުމުގެ ބާރު ތާލިބާން ހަނގުރާމަވެރި ޖަމާއަތުން އަލުން ހޯދާފައިވާއިރު، އެގައުމުގެ ރައީސް އަޝްރަފް ޣަނީ ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފިއެވެ.

މިއަދު ތާލިބާނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމާއަތުގެ ތަރުޖަމާނު ޒަބީހުއްﷲ މުޖާހިދު ބުނީ އަފްގާނިސްތާނަކީ ހަނގުރާމައިގެ މައިދާނަށް ހަދަން ބޭނުން ނުވާ ކަމަށާއި އެ ޖަމާއަތާ ދެކޮޅަށް މަސައްކަތް ކުރި ފަރާތްތަކަށް މައާފުކޮށްފައިވާ ކަމަށެވެ.

އަދި ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅޭނެ ކަމަށާއި އަފްގާނިސްތާނުގެ ހުރިހާ ރައްޔިތުންނަށް ވެސް އަމާންކަން އޮންނާނެ ކަމަށްވެސް މުޖާހިދު ބުންޏެވެ. އެގޮތުން އޭނާ ވަނީ އަފްގާނިސްތާން ދޫކޮށް އެއްވެސް ރައްޔިތަކު ނުދިޔުމަށާއި ބިރުވެރިކަމެއް ނޯންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"އަފްގާނިސްތާނުގެ ސުލްހައަށްޓަކާ އެންމެންނަށް ވެސް މައާފުކޮށްފިން" މުޖާހިދު ބުންޏެވެ.

މީގެއިތުރުން އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެގޮތުން ސަރުކާރު އެކުލަވާލުމަށްފަހު އަމަލުކުރާނެ ގާނޫނުތައް ކަނޑައެޅިގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ. އަދި މީގެފަހުން އެހެން ގައުމުތަކަށް ހަމަލާދޭން އަފްގާނިސްތާން ބޭނުން ނުކުރެވޭނެ ކަމަށާއި އެކަމުގެ ޔަގީންކަން ބޭރު ދުނިޔެއަށް އަރުވާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އަންހެނުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް އެގައުމުގައި އޮންނާނެތޯ ތަކުރާރުކޮށް ސުވާލުތަކެއް ވަނީ ކުރެވިގެން ގޮސްފައެވެ. އެ ސުވާލުތަކުގެ ޖަވާބުގައި މުޖާހިދު ބުނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން އަންހެނުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަންހެނުންނަކީ މުޖުތަމައުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ބައެއް ކަމަށެވެ.

އަދި މީޑިއާތަކުން ވެސް އިސްލާމީ އުސޫލުތަކާ ހިލާފުވެގެން ނުވާނެ ކަމަށާއި، މީޑިއާތަކުން އެ ޖަމާއަތާއި ދެކޮޅަށް މަސައްކަތްކޮށްގެން ނުވާނެ ކަމަށްވެސް ބުންޏެވެ. އެގޮތުން މީޑިއާތަކުން ވެސް މަސައްކަތް ކުރަން ވާނީ ގައުމުގެ އެއްބައިވަންތަ ކަމަށްވެސް މުޖާހިދު ބުންޏެވެ.