Last Updated: May 8, 20:35
Wednesday, May 8, 2024
ދުނިޔެ

ސްރީލަންކާ ލޮކްޑައުން ކޮށްފި

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ސްރީލަންކާ ލޮކްޑައުން ކުރުމަށް ނިންމައިފިއެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ބުނީ ލޮކްޑައުން ހިންގުމަށް ހަމަޖެހިފައިވަނީ މިރެއިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކަމަށެވެ. ލޮކްޑައުން ހިންގި ނަމަވެސް ޒަރޫރީ ހިދުމަތްތައް ދެމުންގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ލަންކާ ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސިޔާސީ ބައެއް ފަރާތްތަކުން އެކަން ކުރުމަށް ސަރުކާރަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ލަންކާ ލޮކްޑައުން ކުރުމަށް ހަމަޖެހިފައިވާއިރު އެގައުމުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މިރޭ ގައުމާ މުހާތަބު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދިޔުމާ ގުޅިގެން ލަންކާގެ ސަރުކާރުން އަންނަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ގައުމުގައި ކާފިއު ހިންގަމުންނެވެ. އަދި ކައިވެނި ހަލްފާތަކާއި، އާންމު އެއްވުންތައް ބޭއްވުން މަނާކުރުމުގެ އިތުރުން ރެސްޓޯރެންޓުތަކުގައި ތިބެގެން ހިދުމަތްދޭ މީހުންގެ އަދަދު ވެސް މަދުކުރުމަށް ވަނީ އަންގާފައެވެ.

ލަންކާ އިން ދުވާލެއްގެ މައްޗަށް 3000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުންދާއިރު، އެގައުމުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ ތިން ލައްކަ އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 6000 އަށް ވުރެ މައްޗަށް އަރާފައެވެ.