Last Updated: April 19, 11:14
Friday, April 19, 2024
ދުނިޔެ

އަފްގާންގައި ތިބި އެމެރިކާގެ އެންމެން ގެންނާނަން: ބައިޑެން

އަފްގާނިސްތާނުގައި ތިބި އެމެރިކާގެ އެންމެން އަނބުރާ ގެންނަވާނެ ކަމަށް އެގައުމުގެ ރައީސް ޖޯ ބައިޑެން ވައުދުވެ ވަޑައިގެންފިއެވެ.

އަފްގާނުގައި ތިބި އެމެރިކާގެ ސިފައިން އެގައުމުން ފޭބުމާއެކު، ތާލިބާން ހަނގުރާމަވެރި ޖަމާއަތުން ވަނީ އެ ގައުމުގެ ބާރު 20 އަހަރަށްފަހު އަލުން ހޯދާފައެވެ. ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާން ގެނައި ނަމަވެސް އެގައުމުގައި ތިބި އެހެން ގައުމުތަކުގެ މީހުން އަނބުރާ ގައުމަށް ގެންދިޔުމުގެ މަސައްކަތް އެމެރިކާ އާއި އެހެން ގައުމުތަކުން އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

ޗުއްޓީ ކުރު ކުރައްވައި ވައިޓްހައުސްގައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވީ އަފްގާނުގައި ތިބި އެމެރިކާ މީހުންގެ ތެރެއިން ގައުމަށް އެނބުރި އަންނަން ބޭނުންވާ އެންމެން ގެންނާނެ ކަމަށް ވައުދުވާ ކަމަށާއި އޭގެ އިތުރުން އެމެރިކާ ސިފައިންނަށް އެހީވި އަފްގާނުގެ ރައްޔިތުންގެ ތެރެއިން 50،000-65،000 އަދަދެއްގެ މީހުން ވެސް އެގައުމުން ބޭރުކުރުމަށް އެހީވާނެ ކަމަށެވެ.

މިއީ ނުރައްކާތެރިކަން ހުރި މިޝަނެއްކަން ފާހަގަކުރައްވަމުން ބައިޑެން ވަނީ މިކަން ކުރަމުން އަންނަނީ އެމެރިކާ ސިފައިން ބޮޑެތި ރިސްކުތަކެއް ނަގައިގެން އުނދަގޫ ހާލަތެއްގައި ތިބެގެން ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން މިކަން ކުރުމުގައި ބައެއްގެ ފުރާނަ ނުގެއްލޭނެ ކަމަށް ވައުދު ނުވާނެ ކަމަށާއި ބޭނުން ކުރެވެން ހުރި ހުރިހާ ވަސީލަތެއް މިކަމުގައި ބޭނުން ކުރާނެ ކަމުގެ ޔަގީންކަން ވެސް ބައިޑެން ދެއްވިއެވެ.

މީގެއިތުރުން ބައިޑެން ވަނީ ކާބުލް އަށް އެމެރިކާ ސިފައިން ނުފޮނުވާނެކަން ވެސް ހާމަކުރައްވާފައެވެ. އެގޮތުން އެމެރިކާގެ ޕާސްޕޯޓު އޮތް މީހުންނަށް އެއާޕޯޓަށް ދިޔުމަށް ތާލިބާނުން ހުރަސް އަޅަމުން ނުދާ ކަމަށް ބައިޑެން ވިދާޅުވިއެވެ.

ބައިޑެން މިހެން ވިދާޅުވި ނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާ މީހުންނަށް އެއާޕޯޓަށް ދިޔުމަށް ބޮޑެތި ދަތިތަކެއް ތާލިބާނުންގެ ފަރާތުން އަންނަނީ ކުރިމަތިވަމުންނެވެ. އަފްގާނުން އެމެރިކާ މީހުން ބޭލުމުގެ އިތުރުން އަފްގާން އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެގައުމުގެ ގާތްގަނޑަކަށް 6000 ސިފައިން އަންނަނީ އަފްގާނުގައި ހަރަކާތްތެރިވަމުންނެވެ.