Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ބަލަހައްޓައިގެން ތިއްބާ އައްޑޫގެ ކޮވިޑު ކޭސްތައް މައްޗަށް!

ކޮވިޑު-19 އާއި ގުޅިގެން އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކަށް އުވާލި ފަހުން މަޑުމަޑުން އައްޑޫގެ ކޮވިޑު ކޭސްތައް އިތުރުވެ އިއްޔެގެ ނިޔަލަށް އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 155 އަށް އަރާފައެވެ.

އައްޑޫގެ ކޮވިޑު ކޭސްތަކަށް ބަލާއިރު މިވަގުތު އެންމެ ގިނަ ކޭސްތައް ރިކޯޑު ކުރެވިފައިވަނީ މަރަދޫންނެވެ. މަރަދޫގައި އެކްޓިވް 85 ކޭސް ހުރި އިރު މަރަދޫފޭދޫގެ އެކްޓިވް ކޭސް ތަކުގެ އަދަދަކީ 39އެކެވެ. ފޭދޫގައި 14 އެކްޓިވް ކޭސް ހުރި އިރު ހިތަދޫގެ އެކްޓިވް ކޭސް މިވަނީ އިއްޔެ އަލަށް ޕޮޒިޓިވްވި 6 މީހުންނާއި އެކު 17އަށް އަރާފައެވެ.

އައްޑޫން ދެވަނަ ފަހަރަށް ކޮވިޑު ކޭސްތަކެއް ފެނިގެން. މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަހަރުގެ މޭއި 1 ވަނަ ދުވަހުއެވެ. 80 ދުވަހުގެ މޮނިޓަރިންއަށް ފަހު އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވަނީ ޖުލައި 19 ވަނަ ދުވަހުއެވެ. ލޮކްޑައުން އުވާލި އިރުވެސް 70 އެކްޓިވް ކޭސް ހުރި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އޭގެ ފަހުން ދެން ކޮވިޑު ދެން ފެނިގެން ދިޔައީ އޭރު ކޮވިޑުގެ މާބޮޑު ކޭސްތަކެއް ނެތް މަރަދޫއިންނެވެ. މަރަދޫން މީހަކު ޕޮޒިޓިވްވެ ރަށުތެރެއަށް ބަލި ފެތުރި އެންމެ ފަހުން މިހާރު މިވަނީ ހުޅުމީދޫ ފިޔަވައި އައްޑޫގެ އެހެން ހުރިހާ ރަށަކުން ޕޮޒިޓިވް ކޭސްތައް ފެނިފައެވެ.

އައްޑޫގައި މިވަގުތު 155 އެކްޓިވް ކޭސް ހުރި ނަމަވެސް އެއްވެސް ރަށެއް އަދި ބަންދެއް ނުކުރެއެވެ. ސްކޫލްތަކުގައިވެސް އެޗްޕީއޭގެ ގައިޑުލައިން ތަކާއި އެއްގޮތަށް ކިޔަވައިދެއެވެ. ނަމަވެސް ބައެއް ދަރިވަރުންނާއި ޓީޗަރުން ޕޮޒިޓިވްވުމުގެ ސަބަބުން ބައެއް ކްލާސްތައް ވަނީ ކަރަންޓީނުކޮށްފައެވެ.

ކޮވިޑު-19 ގެ ބަލި އައްޑޫގައި ފެތުރެމުން ދިޔަ ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުގެ ވިސްނުން މިވަގުތު ހުރީ ބައްޔާއި އެކު ކުރިއަށް ދިއުމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް އޮތް ގޮތަކީ އެޗްޕީއޭގެ ގައިޑުލައިނާއި އެއްގޮތަށް ގައި ދުރުކަން ބަހައްޓައި، މާސްކު އަޅައި، ގިނަގިނައިން އަތްދޮވެ މީހުން އެއްތަނަކަށް އެއްވުން މަދު ކުރުމެވެ.

އައްޑޫގެ ކޮވިޑު ކޭސްތައް އިތުރުވެފައިވާ އިރު އާއްމުންގެ ކަންބޮޑުވުން މިވަގުތު އެންމެ ބޮޑީ ހޯމް ކަރަންޓީނަށް އައްޑޫއަށް އައިސް ތިބި އިންޑިއާ މީހުން ގެއިން ބޭރަށް ނިކުމެ ރަށު ތެރޭގައި އުޅުމެވެ. އޭގެ ތެރެއިން ބައެއް މީހުން މާސްކު ނާޅައެވެ. ގްރޫޕް ހަދައިގެން މުޅި ރަށު ތެރޭގައި އެނބުރޭއިރު އެމަންޒަރު ފެންނަ ޕޮލިހެއް، ކައުންސިލެއް ނެތުމެވެ.

މީގެ ސަބަބުން އައްޑޫގެ ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.