Last Updated: April 26, 20:05
Friday, April 26, 2024
ދުނިޔެ

މި މަސް ނިމުމުން އަފްގާނުން މީހުން ބޭރަށް ނުގެންދެވޭނެ: ތާލިބާން

މި މަސް ނިމުމުން އަފްގާނިސްތާނުން މީހުން ބޭރަށް ގެންދިޔުން މަނާވާނެ ކަމަށް ތާލިބާން ޖަމާއަތުން ބުނެފިއެވެ.

އަފްގާނިސްތާނުން އެމެރިކާ ސިފައިން ފޭބުމާއެކު އެގައުމުގެ ބާރު ތާލިބާން ހަނގުރާމަވެރި ޖަމާއަތުން އަލުން ހޯދާފައިވާއިރު، އެގައުމުގައި ތިބި އެހެން ގައުމުތަކުގެ މީހުންނާއި އަދި އަފްގާންގެ ރައްޔިތުން އެގައުމުން ބޭރަށް ގެންދިޔުމުގެ މަސައްކަތް އެމެރިކާ އާއި އެހެން ގައުމުތަކުން އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

މިއަދު ތާލިބާނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމާއަތުގެ ތަރުޖަމާނު ޒަބީހުއްﷲ މުޖާހިދު ބުނީ އަފްގާނިސްތާނުން މީހުން ބޭރުކުރުމުގެ އެންމެފަހުގެ ތާރީހަކީ މި މަހުގެ 31 ކަމަށާއި އޭގެފަހުން އެގައުމުން މީހުން ބޭރުކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"އެ ތާރީހަށްފަހު މީހުން ބޭރުކުރާކަށް ފުރުސަތެއް ނުދޭނަން. އެ ތާރީހަށްފަހު އަހަރުމެންގެ ނިންމުން ތަފާތުވާނެ" އޭނާ ބުންޏެވެ.

ގައުމުން ބޭރުވާން ބޭނުންވާ ގިނަ އަދަދެއްގެ އަފްގާނިސްތާނުގެ ރައްޔިތުން ކާބުލްގެ އެއާޕޯޓަށް ޖަމާވެފައިވާއިރު މުޖާހިދު ވަނީ އަފްގާންގެ ރައްޔިތުން ގައުމުން ބޭރުވުމަށް އެމެރިކާ އިން ބާރުއަޅާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދިފައެވެ.

"އެމެރިކާ އަށް ގޮވާލަން އަފްގާންގެ ރައްޔިތުންނަށް ގައުމު ދޫކޮށްދާން ހިތްވަރު ނުދޭން. އެމީހުންގެ ހުނަރު އަހަރުމެންނަށް ބޭނުންވޭ" މުޖާހިދު ބުންޏެވެ.

މީގެއިތުރުން މުޖާހިދު ވަނީ އަފްގާނިސްތާން ދޫކޮށް ގޮސްފައިވާ އެގައުމުގެ ރައްޔިތުން ވެސް އަލުން އަނބުރާ ގައުމަށް އައުމަށް ގޮވާލާފައެވެ. އެގޮތުން އަފްގާންގެ ހަނގުރާމަ ނިމިފައިވާ ކަމަށާއި އެ ފަރާތްތަކަށް މިހާރު ނުރައްކަލެއް ނެތް ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ 9 ދުވަސްކުރިން ތާލިބާނުން އަފްގާނުގެ ބާރު ހޯދިއިރު، މިހާތަނަށް އެގައުމު ދޫކޮށް 50،000 އަށް ވުރެ ގިނަ މީހުން ވަނީ ގޮސްފައެވެ.