Last Updated: April 19, 22:45
Saturday, April 20, 2024
ދުނިޔެ

އަފްގާނިސްތާނުގެ އާންމު ތަންތަނުގައި ލަވަ ޖެހުން މަނާކުރަނީ

އަފްގާނިސްތާނުގެ އާންމު ތަންތަނުގައި ލަވަ ޖެހުން މަނާކުރާނެ ކަމަށް ތާލިބާން ޖަމާއަތުން ބުނެފިއެވެ.

އަފްގާނިސްތާނުން އެމެރިކާ ސިފައިން ފޭބުމާއެކު އެގައުމުގެ ބާރު ތާލިބާން ހަނގުރާމަވެރި ޖަމާއަތުން އަލުން ހޯދާފައިވާއިރު، އެ ޖަމާއަތުން އަންނަނީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

އަފްގާނިސްތާނުގެ ބާރު ތާލިބާނުން ހޯދިފަހުން ފުރަތަމަ ފަހަރަށް ހުޅަނގުގެ މީޑިއާކަށް ދިން އިންޓަވިއު އެ ޖަމާއަތުގެ ތަރުޖަމާނު ޒަބީހުއްﷲ މުޖާހިދު ދީފައިވަނީ އެމެރިކާގެ "ނިއުޔޯކް ޓައިމްސް" އަށެވެ.

އެގޮތުން އެ އިންޓަވިއުގައި މުޖާހިދު ބުނީ މިއުޒިކަކީ އިސްލާމްދީނުގައި ހަރާމް އެއްޗެއް ކަމަށާއި އެހެންކަމުން އަފްގާނިސްތާނުގެ އާންމު ތަންތަނުގައި ލަވަ އާއި މިއުޒިކް ޖެހުން މަނާކުރާނެ ކަމަށެވެ. ނަމަވެސް ގަދަކަމުން މިފަދަ ކަންކަން ހުއްޓުވުމުގެ ބަދަލުގައި އެ ޖަމާއަތުގެ ވިސްނުން ހުރީ މީހުންނަށް މިކަންކަން އޮންނަ ގޮތް އޮޅުންފިލުވައިދިނުމުގެ ވިސްނުމެއް ކަމަށްވެސް މުޖާހިދު ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި އަފްގާންގެ އިންފޮމޭޝަން އެންޑް ކަލްޗާ މިނިސްޓަރުކަމުގެ މަގާމު އަދާކުރާނެ ކަމަށް ބެލެވޭ މުޖާހިދު އިތުރަށް ބުނީ ތާލިބާން ޖަމާއަތުގެ ވިސްނުން މިހާރު ހުރީ ކުރިމަގު ބިނާކުރުމަށް ކަމަށާއި މާޒީގައި ވެގެންދިޔަ ކަންކަން ހަނދާން ނައްތާލަން ބޭނުންވާ ކަމަށެވެ. އަދި ބަދަލު ހިފުމުގެ ވިސްނުމެއް އެ ޖަމާއަތުގައި ނެތް ކަމަށާއި، އެމެރިކާ އަށް އެހީތެރިވި އަފްގާންގެ ރައްޔިތުން ހޯދުމަށް މަސައްކަތް ނުކުރާ ކަމަށްވެސް މުޖާހިދު ބުންޏެވެ.

އެގޮތުން އެ ފަރާތްތަކަށް ވެސް އަފްގާނުގައި ރައްކާތެރިކަން އޮންނާނެކަން ފާހަގަކުރަމުން މުޖާހިދު ވަނީ އަފްގާނުގައި ތިބި ހުނަރުވެރި ފަރާތްތައް އެހެން ގައުމުތަކަށް ގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަފްގާނިސްތާނުން މީހުން ބޭރުކުރުން މި މަހަށްފަހު މަނާވާނެ ކަމަށް ތާލިބާން ޖަމާއަތުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.