Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ކާބުލް އެއާޕޯޓު ކައިރީގައި ބޮމެއް ގޮއްވާލައިފި

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓު ކައިރީގައި ބޮމެއް ގޮއްވާލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޖާނުން ފިދާވެގެން ދިން މި ހަމަލާގައި 11 މީހަކު މަރުވެ، ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހަމަލާދީފައިވަނީ އެއާޕޯޓަށް ވަންނަން ހަދާފައިވާ ގޭޓެއްގެ ކައިރީގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ގޭޓު ކައިރީގައި ފާއިތުވި ދުވަސްތަކުގައި ފޯރިމަރަމުން ގޮސްފައިވަނީ އިނގިރޭސި ސިފައިންނެވެ.

މި ހަމަލާގައި އެމެރިކާގެ ބައެއް ސިފައިންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުނުއިރު، މި ހަމަލާދީފައިވަނީ ކޮން ބައެއްކަން ވެސް އަދި އެނގިފައެއް ނުވެއެވެ.

މިފަދަ ހަމަލާއެއް ދީފައިމިވަނީ ކާބުލް އެއާޕޯޓަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމުގެ ރިޕޯޓުތަކެއް ލިބިފައިވާތީ އެއާޕޯޓު ސަރަހައްދަށް ނުދިޔުމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަފްގާންގައި އުޅޭ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މީގެ 10 ދުވަސް ކުރިން ތާލިބާން ހަނގުރާމަވެރި ޖަމާއަތުން އަފްގާންގެ ބާރު އަލުން އަނބުރާ ހޯދުމާއެކު އެގައުމު ދޫކޮށް ދިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކާބުލް އެއާޕޯޓަށް ޖަމާވެފައެވެ. އެގޮތުން މީހުން ގައުމުން ބޭރުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި އެމެރިކާ އާއި އެހެން ގައުމުތަކުން އަންނަނީ ކުރަމުންނެވެ.

އަފްގާނިސްތާނުން މީހުން ބޭރުކުރުމަށް ތާލިބާނުން ދީފައިވަނީ އެންމެފަހުގެ މުއްދަތަކީ މި މަހުގެ ނިޔަލެވެ.