Last Updated: April 23, 23:56
Wednesday, April 24, 2024
ދުނިޔެ

ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 60 އަށް

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ޖާނުން ފިދާވެގެން އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 60 އަށް އަރައިފިއެވެ.

ބޮމުގެ ހަމަލާތައް ދީފައިވަނީ ކާބުލް އެއާޕޯޓުގެ އަބޭ ގޭޓު ކައިރީގަ އާއި އެ ސަރަހައްދުގައި ހުރި ބޭރޮން ހޮޓަލުގެ ކައިރީގައެވެ. ބޮމުގެ ހަމަލާތަކަށްފަހު ބަޑީގެ ހަމަލާތަކެއް ވެސް ވަނީ ދީފައެވެ. މި ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ވަނީ ރޭ އުފުލާފައެވެ.

ރިޕޯޓުތައް ބުނާގޮތުން މި ހަމަލާގައި އަފްގާންގެ 60 މީހުން މަރުވެފައިވާއިރު އެމެރިކާގެ 13 ސިފައިން ވެސް ވަނީ މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

މިފަދަ ހަމަލާއެއް ދީފައިމިވަނީ ކާބުލް އެއާޕޯޓަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމުގެ ރިޕޯޓުތަކެއް ލިބިފައިވާތީ އެއާޕޯޓު ސަރަހައްދަށް ނުދިޔުމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަފްގާންގައި އުޅޭ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މީގެ 10 ދުވަސް ކުރިން ތާލިބާން ހަނގުރާމަވެރި ޖަމާއަތުން އަފްގާންގެ ބާރު އަލުން އަނބުރާ ހޯދުމާއެކު އެގައުމު ދޫކޮށް ދިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކާބުލް އެއާޕޯޓަށް ޖަމާވެފައެވެ. އެގޮތުން މީހުން ގައުމުން ބޭރުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި އެމެރިކާ އާއި އެހެން ގައުމުތަކުން އަންނަނީ ކުރަމުންނެވެ.

ބޮމުގެ ހަމަލާތަކެއް ކާބުލްގައި ދީފައިވާއިރު މިއީ ތާލިބާނުން އަފްގާންގެ ބާރު ހޯދިފަހުން އެގައުމުގައި ދެވުނު މިފަދަ ފުރަތަމަ ހަމަލާ އެވެ.