Last Updated: April 18, 22:36
Friday, April 19, 2024
ދުނިޔެ

އައިއެސް އަށް ހަމަލާދޭން އެމެރިކާ އިން ތައްޔާރުވަނީ

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ރޭ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އޭގެ ރައްދުގައި އެގައުމުގައި ތިބި އެ ޖަމާއަތުގެ މީހުންނަށް ހަމަލާދޭން އެމެރިކާ އިން ތައްޔާރުވެއްޖެ އެވެ.

ބޮމުގެ ހަމަލާތައް ދީފައިވަނީ ކާބުލް އެއާޕޯޓުގެ އަބޭ ގޭޓު ކައިރީގަ އާއި އެ ސަރަހައްދުގައި ހުރި ބޭރޮން ހޮޓަލުގެ ކައިރީގައެވެ. ބޮމުގެ ހަމަލާތަކަށްފަހު ބަޑީގެ ހަމަލާތަކެއް ވެސް ވަނީ ދީފައެވެ. މި ހަމަލާގައި އަފްގާންގެ 60 މީހުންނާއި އެމެރިކާ ސިފައިން 13 މީހަކު ވަނީ މަރުވެފައެވެ.

އެ ހަމަލާތަކާ ގުޅިގެން ރޭ ގައުމާ މުހާތަބު ކުރައްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ މި ހަމަލާ ދިން މީހުންނާއި އަދި އެމެރިކާ އަށް ގެއްލުންދޭން އުޅޭ މީހުންނަށް މައާފެއް ނެތް ކަމަށާއި އަދި އެމީހުންގެ މަތިން ހަނދާން ވެސް ނުނެތޭނެ ކަމަށެވެ. އެގޮތުން އެފަދަ ފަރާތްތައް ހޯދަައި މިކަމުގެ އަގު އަދާކުރުވާނެ ކަމަށާއި މަގާމުގައި ދެމި ހުންނެވިހާ ދުވަހަކު އެމެރިކާ ރައްޔިތުންގެ މަސްލަހަތު ދިފާއުކުރައްވާނެ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

އެގޮތުން މި ހަމަލާއާ ގުޅިގެން އަފްގާނުގައި ތިބި އައިއެސްގެ ލީޑަޝިޕާއި، ފެސިލިޓީތަކަށް ހަމަލާދޭނެ ގޮތުގެ ޕްލޭނެއް ތައްޔާރުކުރަން ކޮމާންޑަރުންނަށް އަންގާފައިވާނެ ކަމަށާއި ހަމަލާދޭނީ އެކަމަށް އެކަށީގެންވާ އެންމެ ރަނގަޅު ވަގުތެއްގައި ކަމަށް ބައިޑެން ވިދާޅުވިއެވެ. އަދި އެމެރިކާގެ އަސްކަރިއްޔާ އިން ބޭނުންވާނަމަ އެގައުމަށް އިތުރު ސިފައިން ވެސް ފޮނުވާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ.

ނަމަވެސް އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަށްފަހު ދެން އެގައުމުގައި އެމެރިކާ ސިފައިން ހަރަކާތްތެރިވާނެ ގޮތާއި ގުޅޭގޮތުން ބައިޑެން ވާހަކަދައްކަވާފައެއް ނުވެއެވެ.

މީގެއިތުރުން ބައިޑެން ވަނީ ބޮމުގެ ހަމަލާތައް ދިން ނަމަވެސް އަފްގާނިސްތާނުން މީހުން ބޭރުކުރުމަށް ފަށާފައިވާ ބޮޑު މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.