Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް

ކައުންސިލްގެ ފުރަތަމަ 100 ދުވަސް: އައްޑޫގެ މަލަމަތިން އަދިވެސް ވީރާނާކަން!

އިދާރީ ގޮތުން ރަށްތައް ހިންގުމަށް ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބޮޑު ބަދަލާއި އެކު އިންތިހާބު ކުރެވުނު އައްޑޫ ސިޓީ ކައުންސިލްގެ ފުރަތަމަ 100 ދުވަސް މިއަދަށް ހަމަވާއިރު ކައުންސިލްގެ ފަރާތުން ރައްޔިތުންގެ ލާބައަށް ކުރެވުނު ކަންކަންތައް ބަލާލުން މުހިއްމެވެ.

ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރެވުނު މޭޔަރު އަލީ ނިޒާރު އައްޑޫގެ ހުންގާނާއި ހަވާލުވެ ރައްޔިތުންނަށް ވަނީވަރަށް ފޮނި އުއްމީދުތަކެއް ދެއްވާފައެވެ. ވީރާނާވެފައިވާ އައްޑޫ ސިޓީގެ މަލަމަތި ބަދަލުކޮށްލާނެކަމަށް ވައުދުވިއެވެ. އެތައް އަހަރުތަކެއް ވެފައިވާ އެތައް ސަތޭކަ ބިމެއްގެ އިން ވަކިކޮށް ބިންތައް ރައްޔިތުންނާއި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހަވާލު ކުރައްވާނެ ކަމަށް ވައުދުވިއެވެ.

ވީރާނާވެ، ޖަންގަލީތަކަށް ބަދަލުވެފައިވާ އައްޑޫގެ އަވަށްތަކުގެ މަގުތައް ހަދައި، މަގުތައް މަރާމާތު ކުރާނެކަމުގެ ވައުދުވިއެވެ. މީގެ އިތުރުންވެސް ރައްޔިތުންނާއި މަޝްވަރާކޮށް، ރައްޔިތުންގެ ބައިވެރިވުމާއި އެކު ކައުންސިލުން ހިންގާނެކަމަށް ވައުދުވިއެވެ.

ކުދި ވިޔަފާރިތަކަށް ހަމަ އިސްކޮޅަށް ތެދު ކުރުމަށް ކައުންސިލުން އެހީތެރިވެ ކުދި ވިޔަފާރިތަކަށް ލުއި ލޯން ހޯއްދެވުމަށް މަސައްކަތް ފަށާނެ ކަމަށް ވައުދުވިއެވެ. ކުރީ ކައުންސިލުން ފަށާފައިވާ ގެސްޓު ހައުސް ޕްލޭނަކީ އެންމެ ހާއްސަ އިސްކަމެއްދީގެން ކުރާނެ މަސައްކަތް ކަމަށް ވައުދުވިއެވެ. މިފަދަ އެތައް ވައުދުތަކެއް މޭޔަރ އަލީ ނިޒާރުވަނީ އައްޑޫގެ މޭޔަރު ކަމާއި ހަވާލުވެ ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

އޭގެ 100 ދުވަސް ފަހުން މިއަދު މީގެ ތެރެއިން ހާސިލް ކުރެވުނު މިންވަރު ބަލާލުމަކީ މުހިއްމުކަމެކެވެ. އެގޮތުން އައްޑޫގެ މަލަމަތި ބަދަލު ކުރުމަށް މޭޔަރު ނިޒާރުވި ވައުދަށް ބަލާލުން މުހިއްމެވެ.

މޭޔަރު އަލީ ނިޒާރުގެ އެންމެ ބޮޑު އެއް ވައުދަކީ އައްޑޫގެ މަލަމަތިން މިހާރުވެސް ފެންނަމުން އަންނަ ވީރާނާކަން ބަދަލުކޮށްލުމެވެ. ނިޒާރުގެ ބަހުރުވައިން ނަމަ އައްޑޫގެ މަލަމަތި ބަދަލުކޮށްލުމެވެ. އެގޮތުން އައްޑޫ ޒީނަތްތެރިކުރުމުގެ ގޮތުން އައްޑޫގެ އާއްމު މައިދާންތައް ފެހިކޮށް، ރީތި މާގަސް އިންދައި އައްޑޫ ސިޓީގެ މަލަމަތި ބަދަލު ކޮށްލުމުގެ ވާހަކައަކީ ކެމްޕެއިންގައި ނިޒާރު އެންމެ ގަދައަކަށް ވިއްކި އެއް ވާހަކައެވެ.

ކައުންސިލާއި ހަވާލުވެ ފާއިތުވި 100 ދުވަހުގެ ތެރޭގައި އައްޑޫގެ މަލަމަތި ބަދަލުކޮށްލުމަށް ނިޒާރު އިސްވެ ހުރެ ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟. އާއްމު މައިދާން ތަކާއި ކުދަކުދިންގެ ޕާކުތަކުން އަދިވެސް ހުރީ މަގާމާއި ހަވާލުވި އިރުވެސް ހުރި ގޮތަށެވެ. ރަށްތަކުގެ ބަނދަރު ތަކުންވެސް ބަދަލެއް ނުފެނެއެވެ. އެފަދަ މަސައްކަތެއްގެ ޕްލޭނެއް ކައުންސިލުން އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

އައްޑޫގެ މަލަމަތި ބަދަލުކޮށް، މުޅި އައްޑޫ ޒީނަތްތެރިކުރުމާއި ގުޅޭ ކަމަކަށް ފާއިތުވި 100 ދުވަހުގެ ތެރޭގައި ކައުންސިލުން ކޮށްފައިވަނީ ރުއް އިންދުމުގެ ޕްރޮގްރާމެކެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 100،000 ރުއް އިންދުމުގެ ހަރަކާތެއް މޭޔަރ އަލީ ނިޒާރު އިސްވެ ހުންނަވައި ވަނީ ފައްޓަވާފައެވެ. އެގޮތުން ޖޫން 5 ވަނަ ދުވަހު އައްޑޫގެ ބައެއް އަވަށްތަކުގައި ކައުންސިލަރުންނާއި މޭޔަރ ވަނީ ރުއް އިންދަވާފައެވެ. އޭގެ ތެރެއިން ގިނަ ރުއްތައް ވަނީ ފެންފޮދެއް ނުދެވި މަރުވެފައެވެ.

އައްޑޫ ކައުންސިލް އިދާރާގެ ކުރިމަތީ އޮތް ހުސް ބިން ސާފުކޮށް އެތަނުގައި ނާސަރީއެއް ހެދުމަށް ނިންމާފައިވާ އިރު އެދުވަހު އެތަނުގައި އިންދި ހުރިހާށ ރުކެއްވެސް ވަނީ ފެން ނުދެވި މަރުވެފައެވެ. އެކަމަށް ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔާފައެވެ. އޭގެ ފަހުން އެވާހަކައެއް އެކަމެއް ކައުންސިލަކުން ކުރާތަނެއް ނުފެނެއެވެ. އެއް ލައްކަ ރުއް އިންދުމުގެ ހަރަކާތަށްވީ ނުވީއެއް ނޭގެއެވެ.

ކައުންސިލްގެ ފުރަތަމަ 100 ދުވަސް ނިމުނު އިރު އައްޑޫ އާއި ގުޅޭގޮތުން މޭޔަރުގެ ޕްލޭނެއް، ތަސައްވުރެއް ނުފެނެއެވެ. އައްޑޫގެ ލޭންޑު ޔޫސް ޕްލޭނާއި މާސްޓަރ ޕްލޭން ހެދެމަށް ކުރީ ކައުންސިލުން ބަޔަކާއި ހަވާލުކޮށްފައިވާ އިރު އެޕްލޭންތައް ހެދުމުގެ މަސައްކަތް އެފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އެ ޕްލޭންތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކައުންސިލުން އެދެވޭ މަސައްކަތެއް ކުރެވޭތަނެއް ނުފެނެއެވެ. 100 ދުވަސް ނިމިގެން މިދަނީ ކައުންސިލްގެ ތަސައްވުރެއް ރައްޔިތުންނަށް ސާފުކޮށް ނުދެވިއެވެ.