Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ގޯތީގެ މައްސަލަ ރިވިއުކުރުމަށް ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް ޝިނާޒު ހުށަހަޅައިފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގެ ބައެއް ބިންތައް ނެގުމަށް އައްޑޫ ކައުންސިލުން ނިންމި ނިންމުން ރިވިއު ކުރުމަށް ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް ހިތަދޫ ކޮރޮވަލު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ކައުންސިލަށް ހުށަހަޅައިފިއެވެ.

ޝިނާޒު ކައުންސިލަށް ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް ހުށަހަޅާފައިވަނީ ކައުންސިލުގެ 6 މެމްބަރުންގެ ސޮޔާއި އެކުއެވެ. ޖަލްސާ ބާއްވައި ދިނުމަށް އެދި ސޮއިކޮށްފައިވަނީ ޝިނާޒުގެ އިތުރުން މާމެންދޫ ދާއިރާގެ ކައުންސިލަރު އާމިނަތު އަދާލާ ރަޝީދު އާއި، ފޭދޫގެ ދެ ކައުންސިލަރުންކަމަށްވާ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް އާއި މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ އާއި މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާގެ އިތުރުން ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފައިޒުއް ރަހްމާންްއެވެ.

މި ކައުންސިލަރުން ވަނީ ބިން ނެގުމަށް ޖުލައި 11 ވަނަ ދުވަހު އައްޑޫ ކައުންސިލުން ނިންމި ނިންމުން އަލުން ރިވިއު ކުރުމަށް އެދިފައެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި މައްސަލަ އަލުން ރިވިއު ކުރުމަށް ގިނަ ކައުންސިލަރުންގެ ސޮޔާއި އެކު އެދުނީ އެ މައްސަލަ އަކީ ރައްޔިތުންނާއި ގުޅުން ހުރި މައްސަލައަކަށް ވެފައި ލާމަރުކަޒީ ގާނޫނުގައިވެސް އަދި ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް ގޯތި ފަދަ ރައްޔިތުންގެ މުދާ ދައުލަތަށް ނަގަން ޖެހޭ އުސޫލު އޮތް އިރު އެ އުސޫލުން ގޯތި ނެގުމުގެ ކަންކަން ކުރެވިފައި ނުވާތީ އާއި އެކަމާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މައްސަލަ ދެ ފަހަރެއްގެ މަތިން ކައުންސިލްގެ ޖަލްސާތަކަށް ހުށަހެޅުމުންވެސް އިދާރީ ގޮތުން ޖަވާބު ދޭނެ ކަމަށް ބުނެ މޭޔަރ އަލީ ނިޒާރު މައްސަލަ ކައުންސިލްގެ ޖަލްސާއަށް އެޖެންޑާ ނުކުރުމުންނެވެ.

ޝިނާޒު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ އައްޑޫ ކައުންސިލަކީ އައްޑޫ ރައްޔިތުންގެ ބޮޑު އުއްމީދަކާއި އެކު އިންތިހާބު ކުރެވުނު ކައުންސިލަކަށް ވުމުން ކައުންސިލުން ނިންމާ ކަންކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހިމެނޭނަމަ އެ އަޑުއަހަން ޖެހޭނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި މޭޔަރ އަލީ ނިޒާރު އާއި ޑެޕިއުޓީ މޭޔަރ ޝުއާއުވެސް ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާފާނެ ކަމަށް ގަބޫލް ނުކުރައްވާކަމަށެވެ. އަދި ކައުންސިލަކީ ރައްޔިތުންގެ އިތުބާރު އޮތްތަނަކަށް ހައްދަވާނެ ކަމުގެ ޔަގީން ކުރާކަމަށެވެ.

ގޯތީގެ މައްސަލަ ރިވިއު ކުރުމަށް އެދި ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ސޮއި ކުރި ކައުންސިލަރުންނަށް ވަކިވަކިން އައްޑޫގެ ޑެޕިއުޓީ މޭޔަރ އަދި މޭޔަރ ގުޅުއްވައި ސޮއި އަނބުރާ ގެންދިއުމަށް އެދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ކައުންސިލްގެ މައުލޫމާތު އެނގޭ މީހަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ މި މައްސަލަ ކައުންސިލުން ބޭރުކުރުމަށް މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ކައުންސިލަރުންނަށް މޭޔަރުގެ ފަރާތުން ޑެޕިއުޓީ މޭޔަރ ގުޅައި، މިފަދަ ކަން ކަން ކުރާނަމަ އެ ދާއިރާ ތަކަށް ކައުންސިލަރުން ހުށަހަޅާ ކަންކަން މަޑު ޖެހިދާނެކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން "އައްޑޫލައިވް"އިން ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއުއަށް ގުޅުމުން ޝުއާއު ވިދާޅުވީ ގޯތީގެ މައްސަލަ ރިވިއު ކުރުމަށް ކުއްލި ޖަލްސާއެއް ބޭއްވުމަށް ހުށަހަޅާފައިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ. އަދި މައުލޫމާތު ނެތި އެފަދަ ކަމަކާއި ކައުންސިލަރަކަށް ގުޅާފައިވެސް ނުވާނެ ކަމަށް ޝުއާއު ވިދާޅުވިއެވެ.

ގޯތި ނެގުމަށް އެންމެ ފުރަތަ،ަ ކައުންުސިލްގެ ކުއްލި ޖަލްސާއަށް ހުށަހަޅާފައިވަނީ ޝުއާއުއެވެ. މި ޖަލްސާ ކުރިއަށް ގެންދިޔައީ ލައިވް ނުކޮށެވެ.