Last Updated: April 25, 06:02
Thursday, April 25, 2024
ދުނިޔެ

އަފްގާނުގައި ތިބި އައިއެސް ހަނގުރާމަވެރިންނަށް އެމެރިކާ އިން ހަމަލާދީފި

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އޭގެ ރައްދުގައި އެގައުމުގައި ތިބި އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް އެމެރިކާ އިން ހަމަލާދީފިއެވެ.

ބޮމުގެ ހަމަލާތައް ދީފައިވަނީ ކާބުލް އެއާޕޯޓުގެ އަބޭ ގޭޓު ކައިރީގަ އާއި އެ ސަރަހައްދުގައި ހުރި ބޭރޮން ހޮޓަލުގެ ކައިރީގައެވެ. ބޮމުގެ ހަމަލާތަކަށްފަހު ބަޑީގެ ހަމަލާތަކެއް ވެސް ވަނީ ދީފައެވެ. މި ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން މަރުވިއިރު އޭގެތެރޭގައި އެމެރިކާ ސިފައިންގެ 13 މީހަކު ވެސް ހިމެނެއެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އަފްގާންގެ ނަންގަހާރް ޕްރޮވިންސަށް ވައިގެ މަގުން ދިން ހަމަލާގައި މަރާލަން ބޭނުންވި އައިއެސްގެ ހަނގުރާމަވެރިޔާ މަރާލެވިފައިވާ ކަމަށެވެ. އަދި މި ހަމަލާގައި އާންމު އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

މިފަދަ ހަމަލާއެއް އެމެރިކާ އިން ދީފައިމިވަނީ ބޮމުގެ ހަމަލާތަކާ ގުޅިގެން އޭގެ ރައްދުގައި އެގައުމުގައި ތިބި އައިއެސް ޖަމާއަތުގެ މީހުންނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވާފައިވަނިކޮށެވެ.

އެގޮތުން އެ ހަމަލާތަކާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ބައިޑެން ވިދާޅުވީ މި ހަމަލާ ދިން މީހުންނާއި އަދި އެމެރިކާ އަށް ގެއްލުންދޭން އުޅޭ މީހުންނަށް މައާފެއް ނެތް ކަމަށާއި އަދި އެމީހުންގެ މަތިން ހަނދާން ވެސް ނުނެތޭނެ ކަމަށެވެ. އެގޮތުން އެފަދަ ފަރާތްތައް ހޯދަައި މިކަމުގެ އަގު އަދާކުރުވާނެ ކަމަށާއި މަގާމުގައި ދެމި ހުންނެވިހާ ދުވަހަކު އެމެރިކާ ރައްޔިތުންގެ މަސްލަހަތު ދިފާއުކުރައްވާނެ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.