Last Updated: April 26, 11:19
Friday, April 26, 2024
ރިޕޯޓް ސިޔާސީ

މުއްދަތު ހަމަވެފައިއޮތް ގައުމީ މަޖިލީހަކަށް، އިސްތިއުނާފު މަޖިލިސް އިންތިހާބު ކުރެވިދާނެތަ؟

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ ޑިމޮޮކްރަޓިކް އަސާސްތަކަށް ލޯބިކުރާ އެ އަސާސްތައް ނަގަހައްޓަމުން އައި ޕާޓީއެކެވެ. އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ އެމްޑީޕީއަކީ ޑިމޮކްރަސީގެ ނަމޫނާ ދައްކަންއޮތް ފަރާތެވެ. ވެރިކަމުގައި އެމްޑީޕީ އޮތްއިރު މި އަސާސްތައް ނެގެހެއްޓުމަކީ އެމްޑީޕީގެ ޒިންމާއެކެވެ. އެހެންނަމަވެސް އެމްޑީޕީގެ ތެރޭގައި މިއަދު ބައެއްކަންކަން ހިނގަމުން އަންނަގޮތުން ގިނަ އާންމު މެމްބަރުންގެ ޝަކުވާ އޮތްކަމަށް ފެނެއެވެ. އޭގެތެރެއިން އެއްކަމަކީ އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލިސް ހޮވުމާއި މެދު ކަންކަން މިހާރު ކުރެވެމުން އަންނަގޮތެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ބުނެފައިވާގޮތުގައި ޕާޓީގެ އަސާސީ ގަވައިދުގެ އެއްވެސް ކަމަކާމެދު މެމްބަރަކު ޝަކުވާއެއް އިސްތިއުނާފު ކުރަންބޭނުންވާ ހިނދު، މިފަދަ ޝަކުވާތަކަށް ނިންމުން ނިންމުމުގެ ވަޒީފާއާއި ޝަކުވާތަކުގެ އަޑުއެހުން ބޭއްވުމުގެ ވަޒީފާ އަދާކުރާނެ އިސްތިއުނާފުގެ ފަނޑިޔާރު، މަޖިލީހެއް ޕާޓީން ޤާއިމުކުރާނެކަމަށެވެ. އަދި އަސާސީ ގަވައިދު މާނަކުރުމާމެދު އުފެދޭ ހުރިހާ ދެބަސްވުންތަކަށް އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިދާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ މުއްދަތު ހަމަވެ އެ މަޖިލީހަށް އަލަށް މެމްބަރުން އިންތިހާބު ކުރަންޖެހިފައިވާއިރު 18 ފަރާތެއް އެ މަޖިލީހަށް ކުރިމަތިލާފައިވެއެވެ. އެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަނީ އެމްޑީޕީ ޤައުމީ މަޖިލީހުންނެވެ. އެ މެމްބަރުން އިންތިހާބު ކުރުމަށް މިރޭ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވެއެވެ. އެހެންނަމަވެސް ސުވާލަކީ މިހާރު މުއްދަތު ހަމަވެފައިއޮތް ގައުމީ މަޖިލީހަށް، އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހަށް މެމްބަރުން އިންތިހާބު ކުރެވިދާނެތޯއެވެ.

މިކަމާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި މިރޭގެ ޖަލްސާގައި އެކަން އެޖެންޑާ ކޮށްފައި އޮތުމުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރަން ފަށާފައެވެ.

އެގޮތުން "އައްޑޫލައިވް"އާ ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ މިހާރު އޮތް އެމްޑީޕީގެ ގައުމީ މަޖިލީހަކީ މުއްދަތު ހަމަވެފައި އޮތް ގައުމީ މަޖިލީހެއްކަމަށެވެ. އަދި މިހާރުގެ ގައުމީ މަޖިލީހުން ކަން ކުރަމުން އަންނަގޮތުން އެ ގައުމީ މަޖިލީހާއި މެދު ރައްޔިތުންގެ އިތުބާރު ނެތްކަމަށެވެ. ބޮންޑޭ ވިދާޅުވީ މުއްދަތު ހަމަވެފައިއޮތް ގައުމީ މަޖިލީހަކަށް ދާއިމީ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހަށް މެމްބަރުން އިންތިހާބު ކުރެވިދާނެކަމަށް ގަބޫލުނުކުރާކަމަށެވެ.

މީގެއިތުރުންވެސް ބައެއް މެމްބަރުންގެ ކަންބޮޑުވުމަކަށް ވެފައި އޮތީ ވަކި ބަޔަކު ހުށަހަޅާފައިވާ ލިސްޓެއް ފާސްކުރުމަށް މިހާރުގެ މުއްދަތު ހަމަވެފައިވާ ގައުމީ މަޖިލީހުން މަސައްކަތްތަކެއް ކުރަން އުޅޭކަމަށްބުނެއެވެ. އެގޮތުން ނަންނުޖެހުމަށް ޝަރުތުކޮށް "އައްޑޫލައިވް"އާ ވާހަކަދެއްކި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވީ ސަރުކާރުގެ ވަކި ވަޒީރެއްގެ އެންގެވުމަށް އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ މެމްބަރުކަމަށް ވަކި ބަޔަކު ނެގުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިރޭގެ ޖަލްސާއަށް ވަކި މެމްބަރުންތަކެއް އެ މަޖިލީހަށް އިންތިހާބު ކުރުމަށް ލިސްޓެއް ދައުރުކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި މިކަމަކީ އެމްޑީޕީގެ ބައެއް ވަކިވަކި ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރެވޭ ކަމެއްކަމަށާއި، މިއީ "ބޮޑު ގޯހެއްގެ ފެށުން" ކަމަށް ވިދާޅުވިއެވެ.

މުއްދަތު ހަމަވެފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހަށް މެމްބަރުން އައްޔަނު ކުރުމަށް ތާވަލުކޮށްފައިއޮތްއިރު، މިކަމަކީ ވެސް އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ޕާޓީގެ ކަންކަން ގެންދިއުމަށް ކުރެވޭ ކަމެއްކަމަށް ތުހުމަތު ކުރުމުގެ ފުރުސަތު އެބައޮތެވެ.