އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އާސެނަލްގެ މައްޗަށް 5-0 އިން އާސެނަލް އިން ކުރި ހޯދައިފިއެވެ.
މިއީ ލީގުގައި އާސެނަލް އިން ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު އެ ތިން މެޗުން ވެސް އާސެނަލް ވަނީ ބަލިވެފައެވެ. އަދި މިއީ ސިޓީން ތިން މެޗުން ހޯދި ދެވަނަ މޮޅެވެ. މިއީ 55-1954 ވަނަ ސީޒަނަށްފަހު ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނެޓްތެރޭ ސިޓީން ވަނީ އާސެނަލް ކޮޅަށް ދެ ގޯލު ޖަހާފައެވެ. މި ދެ ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް އާއި ގުންޑޮގާން އެވެ. އަދި މެޗުގެ 35 ވަނަ މިނެޓްގައި ސިޓީގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އާސެނަލްގެ މިޑްފީލްޑަރު ޒަކާ އަށް ރަތްކާޑު ދައްކާފައެވެ.
10 ކުޅުންތެރިންނާއެކު މެޗުގެ ބޮޑުބައި އާސެނަލް އިން ފުރިހަމަ ކުރަން ޖެހުނުއިރު މެޗުގެ 43 ވަނަ މިނެޓްގައި ގެބްރިއަލް ޖީސެސް ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ސިޓީގެ ހަތަރުވަނަ ގޯލު މެޗުގެ 53 ވަނަ މިނެޓްގައި ރޮޑްރީ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓޮރޭސްއެވެ.
ދެވަނަ ހާފްގައި ސިޓީން ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އާސެނަލްގެ ކީޕަރު ލެނޯ ވަނީ ސިޓީން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ހުޝިޔާރުކަން ދައްކާފައެވެ. މި މެޗުގައި ސިޓީގެ ގޯލާ އަމާޒުކޮށް އާސެނަލް އަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ނޯވިޗް ސިޓީއާއެވެ. ސިޓީ ނިކުންނާނީ ލެސްޓަ ސިޓީއާ ދެކޮޅަށެވެ.