Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ގޯތި އާއި ގުޅޭ ކުއްލި ޖަލްސާ އަދިވެސް އެޖެންޑާ ނުކުރޭ!

ހިތަދޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން ގޯތި ނެގުމަށް އައްޑޫ ކައުންސިލުން ނިންމި ނިންމުން ރިވިއު ކުރުމަށް ގިނަ ކައުންސިލަރުންގެ ސޮޔާއި އެކު ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް ހުށަހެޅި ހުށަހެޅުން އަދިވެސް އެޖެންޑާ ނުކުރާތީ ބައެއް ކައުންސިލަރުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

ގޯތީގެ މައްސަލަ ރިވިއު ކުރުމަށް އެދި 6 ކައުންސިލަރުން ވަނީ ސޮއިކޮށްފައެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު އާއި މާމެންދޫ ދާއިރާގެ ކައުންސިލަރު އާމިނަތު އަދާލާ ރަޝީދު އާއި، ފޭދޫގެ ދެ ކައުންސިލަރުންކަމަށްވާ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް އާއި މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ އާއި މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާގެ އިތުރުން ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފައިޒުއް ރަހްމާންްއެވެ.

ހަ ކައުންސިލަރުންގެ ސޮޔާއި އެކު ކުއްލި ޖަލްސާ ބާއްވައިދިނުމަށް ހުށަހެޅީ ޝިނާޒުއެވެ. ޝިނާޒު މައްސަލަ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ޖަލްސާ މިއަދަށް ބާއްވައިދިނުމަށް ވަނީ އެދިފައެވެ.

ލާމަރުކަޒީ ގާނޫނުގެ 116 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވަން ކައުންސިލްގެ މެންބަރުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުން އެދިއްޖެ ހިނދެއްގައި ޖެހިގެން އަންނަ ރަސްމީ ދުވަހު ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވަންޖެހެއެވެ. ނަމަވެސް އަދިވެސް ޖަލްސާގެ އެޖެންޑާ ކައުންސިލަރުންނަށް ފޮނުވާފައި ނުވެއެވެ.

ކުއްލި ޖަލްސާ އާއި ގުޅޭގޮތުން އައްޑޫ ކައުންސިލްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހަލީމްއަށް "އައްޑޫލައިވް"އަށް ގުޅުމުން ވިދާޅުވީ ޖަލްސާ ތާވަލު ކުރަން މޭޔަރު އަދި ނާންގަވާކަމަށެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޭޔަރ މިހާރު މަސައްކަތް ކުރަމުންދަނީ 1:30 ގައި ހުރިހާ ކައުންސިލަރުންނާއި އެކު ކުއްލި ޖަލްސާ އާއި ގުޅޭގޮތުން މަޝަވަރާއަކަށް ދިއުމަށެވެ.

އެނގިފައިވާ ގޮތުގައި މައްސަލަ އަލުން ރިވިއު ކުރުމަށް ގިނަ ކައުންސިލަރުންގެ ސޮޔާއި އެކު އެދުނީ އެ މައްސަލަ އަކީ ރައްޔިތުންނާއި ގުޅުން ހުރި މައްސަލައަކަށް ވެފައި ލާމަރުކަޒީ ގާނޫނުގައިވެސް އަދި ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް ގޯތި ފަދަ ރައްޔިތުންގެ މުދާ ދައުލަތަށް ނަގަން ޖެހޭ އުސޫލު އޮތް އިރު އެ އުސޫލުން ގޯތި ނެގުމުގެ ކަންކަން ކުރެވިފައި ނުވާތީ އާއި އެކަމާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މައްސަލަ ދެ ފަހަރެއްގެ މަތިން ކައުންސިލްގެ ޖަލްސާތަކަށް ހުށަހެޅުމުންވެސް އިދާރީ ގޮތުން ޖަވާބު ދޭނެ ކަމަށް ބުނެ މޭޔަރ އަލީ ނިޒާރު މައްސަލަ ކައުންސިލްގެ ޖަލްސާއަށް އެޖެންޑާ ނުކުރުމުންނެވެ.

ޝިނާޒު "އައްޑޫލައިވް"އަށް ވިދާޅުވީ އައްޑޫ ކައުންސިލަކީ އައްޑޫ ރައްޔިތުންގެ ބޮޑު އުއްމީދަކާއި އެކު އިންތިހާބު ކުރެވުނު ކައުންސިލަކަށް ވުމުން ކައުންސިލުން ނިންމާ ކަންކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހިމެނޭނަމަ އެ އަޑުއަހަން ޖެހޭނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި މޭޔަރ އަލީ ނިޒާރު އާއި ޑެޕިއުޓީ މޭޔަރ ޝުއާއުވެސް ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާފާނެ ކަމަށް ގަބޫލް ނުކުރައްވާކަމަށެވެ. އަދި ކައުންސިލަކީ ރައްޔިތުންގެ އިތުބާރު އޮތްތަނަކަށް ހައްދަވާނެ ކަމުގެ ޔަގީން ކުރާކަމަށެވެ.

ގޯތީގެ މައްސަލަ ރިވިއު ކުރުމަށް އެދި ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ސޮއި ކުރި ކައުންސިލަރުންނަށް ވަކިވަކިން އައްޑޫގެ ޑެޕިއުޓީ މޭޔަރ އަދި މޭޔަރ ގުޅުއްވައި ސޮއި އަނބުރާ ގެންދިއުމަށް އެދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ކައުންސިލްގެ މައުލޫމާތު އެނގޭ މީހަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ މި މައްސަލަ ކައުންސިލުން ބޭރުކުރުމަށް މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ކައުންސިލަރުންނަށް މޭޔަރުގެ ފަރާތުން ޑެޕިއުޓީ މޭޔަރ ގުޅައި، މިފަދަ ކަން ކަން ކުރާނަމަ އެ ދާއިރާ ތަކަށް ކައުންސިލަރުން ހުށަހަޅާ ކަންކަން މަޑު ޖެހިދާނެކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން "އައްޑޫލައިވް"އިން ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއުއަށް ގުޅުމުން ޝުއާއު ވިދާޅުވީ ގޯތީގެ މައްސަލަ ރިވިއު ކުރުމަށް ކުއްލި ޖަލްސާއެއް ބޭއްވުމަށް ހުށަހަޅާފައިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ. އަދި މައުލޫމާތު ނެތި އެފަދަ ކަމަކާއި ކައުންސިލަރަކަށް ގުޅާފައިވެސް ނުވާނެ ކަމަށް ޝުއާއު ވިދާޅުވިއެވެ.

ގޯތި ނެގުމަށް އެންމެ ފުރަތަމަ ކައުންުސިލްގެ ކުއްލި ޖަލްސާއަށް ހުށަހަޅާފައިވަނީ ޝުއާއުއެވެ. މި ޖަލްސާ ކުރިއަށް ގެންދިޔައީ ލައިވް ނުކޮށެވެ.