Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

ބީއެމްއެލް އިން ހޯމް އިމްޕްރޫވްމަންޓް ލޯނު އަދި ފައިނޭންސިންގ އަށް ހެޔޮ ބަދަލުތަކެއް

ބީއެމްއެލްގެ ކަސްޓަމަރުން - ފޮޓޯ: މިހާރު

ބޭންކް އޮފް މޯލްޑިވްސް އިން ހިޔާ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފަސޭހަކާއެކު ފައިނޭންސިންގ ފޯރޮކޮށްދިނުމަށް ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯނާއި ފައިނޭންސިންގ އަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މިއަދު ގެނެވުނު ބަދަލާއެކު، ކަސްޓަމަރުންނަށް މިހާރު އިތުރު ފަރާތަކާއެކު ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ހުށަހަޅާ ފަރާތަކީ އާމްދަނީ ލިބޭ ފަރާތަކަށް ވާންވާނެ ކަމަށާއި، މިގޮތުން އާމްދަނީގެ ގޮތުގައި މުސާރަ، ކުލި، ވިޔަފާރިން ލިބޭ އާމްދަނީ ގެ އިތުރުން އެހެނިހެން އާމްދަނީ ލޯނަށް ހުށަހަޅާއިރު ބަލައިގަނެވޭނެ ކަމަށެވެ. ލޯނުގައި ބައިވެރިވާ އިތުރު ބައިވެރިންނަކީ ލޯނު ނަގާފަރާތް ނުވަތަ ފްލެޓްގެ ވެރިފަރާތާއި އާއިލީ ގޮތުން ގުޅުން ހުރިފަރާތެއް ކަމުގައިވާންވާނެ ކަމަށާއި މި ގޮތުން އާއިލާގެ މަންމަ، ބައްޕަ، ކައިވެނީގެ ގޮތުން ގުޅުންހުރި ފަރާތްތައް، އެއްބަނޑު / އެއްބަފާ މީހުން، ދަރިން، މާމަ، ކާފަ އަދި މާމަ/ކާފަ ދަރިން ހިމެނިދާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިންގ އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރެވޭނެ ކަމަށެވެ. އަދި ރަހުނަކާ ނުލާ ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ %12 ގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

މި ބަދަލާއެކު، ހިޔާ ފްލެޓް ލިބުން ފަރާތްތަކަށް ތައާރަފް ކުރެވުނު ލޯނުގެ އިތުރުން އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިންގ މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ބޭންކުން ތައާރަފް ކުރި ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސް ލޯނަށްވެސް ބަދަލުތައް ގެެނެސްފައިވާކަމަށް ބުނެފައިވެއެވެ.

"މި ލޯނުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެއެވެެ. މިލޯނުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލާ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއްކަމަށްވާ %12 ގައެވެ." ބީއެމްއެލްއިން ބުނެފައިވެއެވެ.

މި ބަދަލުތައް ބީއެމްއެލް އިސްލާމިކް ގެ ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގ އަދި ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގ ޕްލަސް އަށް ވެސް ވަނީ ގެނެވިފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.