Last Updated: July 4, 06:42
Friday, July 4, 2025
ވިޔަފާރި

ހިދުމަތް ފުޅާ ކުރަން އެމްޓީސީސީން ހޮޓްލައިނެއް ތައާރަފުކޮށްފި

އެމްޓީސީސީގެ ހިދުމަތް ފުޅާ ކުރަން ހޮޓްލައިނެއް ތައާރަފުކޮށްފިއެވެ.

އެމްޓީސީސީގެ ރަސްމީ ހޮޓްލައިން ނަންބަރ 1650 ލޯންޗްކޮށްފައިވަނީ މިއަދު ހަވީރު ހޮޓެލް ޖެންގެ ބޯލް ރޫމްގައި އޮތް ރަސްމިއްޔާތަކަށް ފަހުއެވެ.

އެމްޓީސީސީން ބުނީ ހޮޓްލައިން ނަންބަރ 1650 ލޯންޗްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އެމްޓީސީސީއަކީ ގިނަ ތަފާތު ވިޔަފާރީތަކެއްގައި ޝާމިލުވާ ކުންފުންޏެއްކަމުން އެއް ނަންބަރަކުން ކުންފުނީގެ އެންމެހާ ޚިދުމަތްތަކާއި، އޮޕަރޭޝަންތަކުގެ މައުލޫމާތު ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.

މީގެތެރޭގައި އެމްޓީސީސީގެ ހުރިހާ ޑިވިޜަންތަކާއި ގުޅުންހުރި ސުވާލުތަކަށް މި ހޮޓްލައިން މެދުވެރިކޮށް ޖަވާބު ހޯދޭނެ ކަމަށާއި މި ހޮޓްލައިން ލޯންޗުކުރުމާއެކު އެމްޓީސީސީން ކަސްޓަމަރުންނާ ކޮންޓެކްޓް ކުރަން މިހާރު ބޭނުންކުރާ ނަންބަރުތައް މަސްދުވަސްތެރޭ ބޭނުންކުރުން ހުއްޓާލެވިގެންދާނެއެވެ. މި ހޮޓްލައިންގެ ޙިދުމަތް ދިނުމަށް މިހާރު ހާއްޞަ ކޯލް ސެންޓަރެއް ވެސް އެމްޓީސީސީން ވަނީ ގާއިމުކޮށްފައެވެ. އަދި ކޯލް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކަސްޓަމަރުންނަށް ޙިދުމަތް ދިނުމާ ގުޅޭ ޙާއްސަ ތަމްރީން ދެވިފައިވާ މުވައްޒަފުން ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ޚިދުމަތަކީ އަހަރުގެ ކޮންމެ ދުވަހަކުވެސް 24 ގަޑިއިރު ލިބޭނެ ޚިދުމަތެކެވެ. އަދި މިއީ ޓޯލް ފްރީ ޚިދުމަތެއްކަމުން މި ނަންބަރަށް ގުޅާ އެއްވެސް ކަސްޓަމަރަކަށް ޗާޖެއް ނުކުރާނެއެވެ.

އެމްޓީސީސީން ބުނީ މި ޙިދުމަތް ތަޢާރަފު ވުމާއެކު އެމްޓީސީސީގެ ވަކިވަކި ނަންބަރުތަކަށް ގުޅައިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ބަދަލުގަ ލުއިފަސޭހަކަމާއެކު އެއް ނަންބަރަކުން ހުރިހާ ބާވަތެއްގެ ސުވާލުތަކަކަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ.