Last Updated: April 25, 17:37
Thursday, April 25, 2024
ޚަބަރު

ސިންގަޕޫރުގެ އާބަދީގެ 80 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފި

ސިންގަޕޫރު: މިއީ ވިޔަފާރިތަކަށާއި، ފަތުރުވެރިކަމަށް މަޤުބޫލު ޤައުމެއް

ސިންގަޕޫރުގެ އާބާދީގެ 80 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިންގަޕޫރުގެ 5.7 މިލިއަން މީހުންގެ ތެރެއިން 80 އިންސައްތަ މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މި ޢަދަދާއެކު ސިންގަޕޫރަކީ ދުނިޔޭގެ ވެކްސިން ރޭހުގެ އެއްވަނައިގައި މިވަގުތު އޮތް ގައުމެވެ.

ސިންގަޕޫރުގެ ހެލްތު މިނިސްޓަރު އޮންގް ޔޭ ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި އޭނާވަނީ މި މޭލުގަލާ ހަމައަށް ވާސިލުވިކަން ކަށަވަރު ކޮށްދެއްވާފައެވެ.
"އަޅުގަނޑުމެން މިވަނީ އިތުރު މޭލުގަލެއް ކަޑައްތުކޮށްފައި. އަޅުގަނޑުމެންގެ އާބާދީގެ 80 އިންސައްތަ މީހުން ކޮވިޑް ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފި." އޮންގް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވަނީ ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މިއީ ސިންގަޕޫރު އިތުރު ހަރުފަތެއް ކުރިއަށް ޖައްސާލި ދުވަހެއްކަންވެސް ފާހަގަކޮށްފައެވެ.

ވެކްސިން ރޭހުގެ އެންމެ ކުރީގައި ތިބި ޤައުމުތަކަށް ބަލާލާއިރު ޔޫ.އޭ.އީ، އުރުގުއާއި، އަދި ޗިލީއިން ވަނީ އެގައުމުތަކުގެ އާބާދީގެ 70 އިންސައްތައަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައެވެ.

ސިންގަޕޫރުގައި ދެމުން އަންނަނީ ކޮވިޑާ ދެކޮޅަށް އެންމެ އިފެކްޓިވް ފާއިޒާ އަދި މޮޑަރނާ ވެކްސިންގެ ޑޯޒްތަކެވެ. އެގައުމުން މި ބަލީގައި 55 މީހުން މަރުވެފައިވާއިރު، 67،171 މީހުންނަށް ވަނީ ބަލިޖެހިފައެވެ.