ފްރެންޗު ލީގުގައި ލިއޮނަލް މެސީ ޕީއެސްޖީ އަށް ކުޅެދިން ފުރަތަމަ މެޗުގައި ރޭ ރެއިމްސްގެ މައްޗަށް 2-0 އިން އެޓީމުން ކުރި ހޯދައިފިއެވެ.
މި މޮޅާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާ އެކު ޕީއެސްޖީ އޮތީ ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި 10 ޕޮއިންޓާ އެކު އޮތީ އެންޖާސް ކަމަށްވާއިރު ރޭގެ މެޗުން ބަލިވި ރެއިމްސް އޮތީ ތިން ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގައެވެ.
ރެއިމްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޒުވާން ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މި ދެ ގޯލަށްފަހު ވެސް ޕީއެސްޖީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.
މި މެޗުގައި މެސީ ކުޅެން އަރާފައިވަނީ މެޗުގެ 66 ވަނަ މިނެޓްގައެވެ. އެގޮތުން މެސީ ކުޅެން އެރީ ނޭމާގެ ބަދަލުގައި ކަމަށްވާއިރު، މެސީ ކުޅެން އެރުމާއެކު ދަނޑުގައި ތިބި ދެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ވެސް އޭނާ އަށް ވަނީ ހޫނު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަ ފަހަރު ހޯދާފައިވާ މެސީ ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.
ލީގުގައި ޕީއެސްޖީ ދެން ބައްދަލުކުރާނީ ކްލެމެންޓް ފޫޓްއާ ދެކޮޅަށެވެ.