Last Updated: April 19, 13:47
Friday, April 19, 2024
ދުނިޔެ

އެމެރިކާގެ ހުރިހާ ސިފައިން އަފްގާނިސްތާނުން ފައިބައިފި

ތާލިބާން ހަނގުރާމަވެރި ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައިވާ އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން އެގައުމުން އިއްޔެ ފައިބައިފިއެވެ.

ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ޖެނެރަލް ކެނެތު މެކެންޒީ ވިދާޅުވީ ފާއިތުވި ހަފްތާތަކުގައި އަފްގާނުގެ ވެރިރަށް ކާބުލް އިން 80،000 އަށް ވުރެ ގިނަ އާންމުން އެމެރިކާ އިން ބޭރުކުރި ކަމަށާއި އޭގެތެރެއިން ގާތްގަނޑަކަށް 6،000 މީހުންނަކީ އެމެރިކާ މީހުން ކަމަށެވެ.

އަދި ކާބުލް އިން އެންމެފަހުން ފުރި އެމެރިކާގެ ފަސް ޖެޓުގައި އާންމުންގެ ބަޔަކު ނުގެންދާ ކަމަށާއި، މީހުން ބޭރުކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހުއްޓުމަކަށް ގެންނަން އަފްގާނިސްތާނުގައި ތިބި އައިއެސްގެ ހަނގުރާމަވެރިން މަސައްކަތް ކުރި ކަމަށްވެސް މެކެންޒީ ވިދާޅުވިއެވެ. އެގޮތުން އަފްގާނުގައި އައިއެސްގެ 2،000 ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކާބުލް އެއާޕޯޓުގައި މީހުން ބޭރުކުރުމަށް އެއްވެސް ފްލައިޓެއް މިހާރަކު ނެތް. އެމެރިކާގެ ހުރިހާ ސިފައިން ވަނީ އަފްގާނުން ފައިބައިފައި" މެކެންޒީ ވިދާޅުވިއެވެ.

މީހުން ބޭރުކުރުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން ކާމިޔާބުކަން ފާހަގަކުރައްވަމުން މެކެންޒީ ވަނީ ކާބުލް އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ތާލިބާނުންގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށްވެސް ވިދާޅުވެފައެވެ.

އެމެރިކާގެ ހުރިހާ ސިފައިން އަފްގާނުން ފޭބުމާއެކު، ތާލިބާނުން ވަނީ އުފާފާޅުކުރަން ފަށާފައެވެ.

އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނަށް އަރައިގަތީ ސެޕްޓެމްބަރު 11، 2001 ގައި އަލްގައިދާ ޖަމާއަތުން އެމެރިކާގެ ނިއު ޔޯކް އާއި ވޮޝިންޓަނަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ. އެގޮތުން އަފްގާނިސްތާނަށް އެމެރިކާ ސިފައިން އެރީ އަލްގައިދާ ޖަމާއަތުގެ ވެރިޔާ އުސާމާ ބިން ލާދިން އަށް ތާލިބާން ޖަމާއަތުން ހިމާޔަތްދީގެން އުޅޭ ކަމަށް ބުނެއެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރައި މާގިނަ ދުވަސްތަކެއް ނުވަނީސް އޭރު އެގައުމުގައި އޮތް ތާލިބާނުންގެ ވެރިކަން ވައްޓާލިއިރު ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ރައްކާތެރިކަން ހޯދަން ފަރުބަދަމަތީ ސަރަހައްދުތަކަށް ވަދެ ފިލާފައެވެ.

އެގޮތުން 20 އަހަރުވީ ހަނގުރާމަ އެމެރިކާ އިން އިއްޔެ ނިންމާލިއިރު ތާލިބާނުން ބަލިކުރެވިފައި ނުވާއިރު، މި މަހުގެ ނިޔަލަށް އެމެރިކާގެ ހުރިހާ ސިފައިން އެގައުމުން ބޭރުވާން ތާލިބާނުން އޮތީ އަންގާފައެވެ.