Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހުޅަނގުގެ ސިފައިން އަފްޣާނިސްތާނުން ފައިބައި ނިމުމުން ޠާލިބާނުން އުފާކުރުމުގައި!

އެމެރިކާގެ ސިފައިން ޠާލިބާނުންނަށް އަމާންދީ، އަފްޣާނިސްތާން ދޫކޮށްދަނީ

އަފްޣާނިސްތާނުގައި އެމެރިކާއިން ކުރަމުން އައި ހަނގުރާމަ ނިމުމަކަށް އައިސް، ބޭރުގެ ފައުޖުތައް އެއްކޮށް އަފްޣާނިސްތާނުން ފައިބައިފިއެވެ.

ދިވެހިރާއްޖޭގެ ގަޑިން ރޭ މެންދަމު 00:30 ހާއިރު އެމެރިކާގެ އެންމެ ފަހު ފައުޖު އަފްޣާނިސްތާނުން ދޫކޮށް ފުރާފައިވާކަން އެމެރިކާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ މެރިން ޖެނެރަލް ފްރެންކް މެކެންޒީ ވިދާޅުވީ، އެގައުމުގެ ސިފައިން އަފްޣާނިސްތާނުން ފައިބައިފާކަމަށާއި، އަފްޣާނިސްތާނުން ހިޖުރަ ކުރަން ބޭނުންވި އެންމެނަށް އެ ފުރުޞަތު ދެވިފައިނުވާ ކަމަށެވެ. މީގެއިތުރުން އޭނާ ވިދާޅުވީ، އިތުރު 10 ދުވަސް ލިބުނު ނަމަވެސް އެންމެންނަށް އެ ފުރުސަތު ނުދެވުނީސް ކަމަށެވެ.

ޠާލިބާނުންގެ ފަރާތުން ވާހަކަދައްކަމުން އެ ޖަމާޢަތުގެ ސްޕޯކްސްޕާސަން ޒަހީބުﷲ މުޖާހިދު ބުނީ އެމެރިކާ ބަލިކުރެވިފައިވާ ކަމަށާއި، ޠާލިބާނުން އެދެނީ ހުރިހާ ޤައުމުތަކާވެސް ރަނގަޅު ގުޅުމެއް ބާއްވަން ކަމަށެވެ. ހަމައެހެންމެ، އަފްޣާނިސްތާނުގެ މިނިވަންކަމާއި، އިސްތިޤްލާލު އަދި އިސްލާމީ ވަހުދަތު ރައްކާތެރިކުރުމުގައި އެޖަމާޢަތް ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނާ ދިނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އެގައުމުގެ ސިފައިން އަފްޣާނުން ނެރުމަށް ދިން އެންމެ ފަހު މުހުލަތަކީ 31 އޮގަސްޓު 2021 އެވެ. މިއީ އެމެރިކާއާއި ޠާލިބާނުން ހަދާފައިވާ ޑީލުގެ ދަށުން ހުޅަނގުގެ ސިފައިން އަފްޣާނުން ބޭލުމަށް އޮތް އެންމެ ފަހު ދުވަހެވެ.