ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އަޔަލެންޑް އަތުން 1-2 އިން މޮޅުވި މެޗުގައި ޖެހި ދެ ގޯލާ އެކު ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑު މުގުރާލައިފިއެވެ.
މީގެ ކުރިން ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތީ އީރާންގެ ލެޖެންޑަރީ ފޯވާޑް އަލީ ދާއީ އަތުގައެވެ. އެގޮތުން އަލީ ދާއީ މި ރިކޯޑު ގާއިމުކުރީ 109 ގޯލާއެކުއެވެ. ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު ރޮނާލްޑޯ މިހާރު ވަނީ ގައުމީ ޓީމަށް ޖުމްލަ 111 ގޯލު ކާމިޔާބުކޮށްދީފައެވެ.
ޕޯޗުގަލްގައި ރޭ ކުޅުނު މި މެޗުގެ 15 ވަނަ މިނެޓްގައި ޕޯޗުގަލް އަށް ލީޑު ނަގައިދޭން ރޮނާލްޑޯ އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ރޮނާލްޑޯ ފޮނުވާލި އެ ޕެނަލްޓީ އަޔަލޭންޑްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޯން އީގަން ވަނީ އަޔަލޭންޑަށް ލީޑު ނަގާދީފައެވެ.
ނަމަވެސް މެޗުގެ 89 ވަނަ މިނެޓްގައި ރޮނާލްޑޯ ޕޯޗުގަލް އަށް ނަތީޖާ އެއްވަރުކޮށްދިން އިރު، މެޗުގެ ފަހު މިނެޓްގައި ރޮނާލްޑޯ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ މި މެޗުން ޕޯޗުގަލް އަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.
ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި ޕޯޗުގަލް އޮތީ ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު ސާބިއާ އެވެ. އަދި ތިންވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ލަގްޒެމްބާގް އެވެ.