Last Updated: April 27, 09:46
Saturday, April 27, 2024
ދުނިޔެ

ނައިޖީރިއާގެ ސްކޫލެއްގެ 73 ދަރިވަރުން ރަހީނުކޮށްފި

ނައިޖީރިއާގެ ސްކޫލަކަށް ހަތިޔާރާއެކު ބަޔަކު ވަދެގަނެ އެ ސްކޫލްގައި ކިޔަވަމުންދިޔަ 73 ދަރިވަރަކު ރަހީނު ކޮށްފި އެވެ.

ނައިޖީރިއާގެ ފުލުހުން ބުނީ ކަޔާ ވިލެޖުގައި ހިންގަމުންދާ ސެކެންޑްރީ ސްކޫލަކަށް ހަތިޔާރު އެޅި ގްރޫޕަކުން ވަދެ 73 ކުދިން ގެންގޮސްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އެގައުމުގެ އަސްކަރިއްޔާ އާއި ގުޅިގެން އެ ދަރިވަރުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.

ހަތިޔާރު އެޅި ގްރޫޕްތަކުން ނައިޖީރިއާގެ ސްކޫލްތަކަށް ހަމަލާދީ ދަރިވަރުން ރަހީނު ކުރުމަކީ އެގައުމުގައި އާންމުކޮށް ހިނގާ ކަމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް 1،000 ދަރިވަރުން ރަހީނުކޮށްގެން ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިގޮތަށް ރަހީނުކުރާ ދަރިވަރުުން މިނިވަން ކުރަނީ ބެލެނިވެރިންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލުމަށްފަހު އެވެ. އަދި ބައެއް ހާލަތްތަކުގައި ދަރިވަރުން ޝަރުތެއް ނެތި ދޫކޮށްލާއިރު، ބައެއް ފަހަރު ދަރިވަރުން މަރާލާފައި ވެސް އެބަ ހުއްޓެވެ.

ހަތިޔާރު އެޅި މިފަދަ ގްރޫޕްތަކުން ހިންގާ ހަމަނުޖެހުންތައް ހުއްޓުވުމުގައި ނައިޖީރިއާގެ ސަލާމަތީ ބާރުތަކަށް މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ.