ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިންގްލޭންޑުން 4-0 އިން ހަންގޭރީގެ މައްޗަށް ކުރި ހޯދިއިރު، ސްވިޑެން އަތުން 2-1 އިން ސްޕެއިން ބަލިވެއްޖެ އެވެ.
ރޭގެ މޮޅާއެކު އިންގްލޭންޑުން މިހާރު ވަނީ ކޮލިފައިންގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައެވެ. ސްޕެއިން ރޭ ބަލިވިއިރު މިއީ 1993 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް ކޮލިފައިންގެ މެޗަކުން އެޓީމު ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ގްރޫޕް އައި ގައި ހިމެނޭ އިންގްލޭންޑާއި ހަންގޭރީ ރޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 55 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ އިންގްލޭންޑަށް ލީޑު ނަގާދީފައެވެ. އަދި ސްޓާލިން ދިން ބޯޅައަކުން މެޗުގެ 63 ވަނަ މިނެޓްގައި ހެރީ ކޭން އިންގްލޭންޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު އޭގެ ފަސް މިނެޓްފަހުން ކާމިޔާބުކޮށްދިނީ ހެރީ މެގުއާއެވެ. އިންގްލޭންޑްގެ ފަހު ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެކްލަން ރައިސް އެވެ.
މި މޮޅާއެކު އިންގްލޭންޑް މިހާރު އޮތީ ގްރޫޕްގެ އެއްވަނައިގައި 12 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ޕޮލެންޑް އަދި ތިންވަނައިގައި އޮތް ހަންގޭރީ އަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ގްރޫޕް ބީ ގައި ހިމެނޭ ސްޕެއިން އާއި ސްވިޑެން ރޭ ބައްދަލުކުރި މެޗުގެ ހަތަރުވަނަ މިނެޓްގައި ސޮލާ ވަނީ ސްޕެއިނަށް ލީޑު ނަގާދީފައެވެ. ނަމަވެސް އޭގެ މިނެޓްފަހުން ސްވިޑެންގެ ޒުވާން ފޯވާޑް އިސާކް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ސްވިޑެން މޮޅުވި ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްލާސަން އެވެ.
މި ނަތީޖާއާއެކު 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި މިހާރު އޮތީ ސްވިޑެން އެވެ. ދެވަނައިގައި ހަތް ޕޮއިންޓާ އެކު ސްޕެއިން އޮތްއިރު ތިންވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ކޮސޯވޯ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޖަރުމަނުން ވަނީ ލިކްޓެންސްޓައިންގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ. އަދި ބަލްގޭރިއާ އިން 1-1 އިން އިޓަލީ ހިފެހެއްޓިއިރު، ޕޮލެންޑުން ވަނީ 4-1 އިން އަލްބޭނިއާ ބަލިކޮށްފައެވެ.