މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ޖުލައި މަހާ އަޅާ ބަލާއިރު 41 ޕަސެންޓް އިތުރުވެއްޖެއެވެ.
އިމިގްރޭޝަނުން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު 143،599 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. މިއީ މިއަހަރު ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި މަހެވެ. މިދިޔަ ޖުލައި މަހު ރާއްޖެ އަށް ވަނީ 101،818 ޓޫރިސްޓުން އައިސްފައެވެ.
މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައީ އިންޑިއާ އިންނެވެ. އެއީ 54،094 ޓޫރިސްޓުންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިން ކަމަށްވާއިރު އެގައުމުން ވަނީ 17،069 ފަތުރުވެރިން އައިސްފައެވެ.
މީގެއިތުރުން މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި، ސްޕެއިން އާއި ސައުދީ އަރަބިއްޔާގެ އިތުރުން އެމެރިކާ ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އަހަރު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނާނެއެވެ.