Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

އެފްބީއައިގެ ވޯންޓެޑް ލިސްޓުގައި ހިމެނޭ މީހަކު ތާލިބާން ސަރުކާރުގައި

ތާލިބާނުން އަފްގާނިސްތާނުގައި އެކުލަވާލި ވަގުތީ ސަރުކާރުގައި އެމެރިކާގެ އެފްބީއައިގެ އެންމެ ވޯންޓެޑް ލިސްޓުގައި ހިމެނޭ ސިރާޖުއްދީން ހައްގާނީ ހިމަނައިފިއެވެ.

އަފްގާންގެ ބާރު އަލުން އަނބުރާ ހޯދާފައިވާ ތާލިބާނުން މިއަދު ވަނީ އެ ޖަމާއަތުން އެކުލަވާލި ސަރުކާރުގެ ބައެއް މަގާމުތަކަށް ހަމަޖައްސާފައިވާ މީހުންގެ ނަންތައް އިއުލާންކޮށްފައެވެ. ތާލިބާނުންގެ އަފްގާންގެ ބާރު 20 އަހަރަށްފަހު އަނބުރާ ހޯދީ މީގެ ތިން ހަފްތާ ދުވަސް ކުރިންނެވެ.

އެގޮތުން އެ ސަރުކާރުގެ އެންމެ އިސް މީހަކަށް ހުންނާނީ މުއްލާ މުހައްމަދު ހަސަން އެވެ. އަދި އޭނާގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމުގައި ހުންނާނީ ތާލިބާން ޖަމާއަތް އުފެއްދުމުގައި އިސްކޮށް އުޅުނު މުއްލާ އަބްދުލްޣަނީ ބަރްދާރު އެވެ.

އަދި އެފްބީއައިގެ ވޯންޓެޑް ލިސްޓުގައި ހިމެނޭ ސިރާޖުއްދީން ހައްގާނީ އަށް ދީފައިވަނީ އެގައުމުގެ އިންޓީރިއާ މިނިސްޓަރުގެ މަގާމެވެ. ސިރާޖުއްދީނަކީ އެމެރިކާ އިން ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހައްގާނީ ނެޓްވޯކުގެ އެންމެ އިސްވެރިޔާ އެވެ.

ހައްގާނީ ނެޓްވޯކަކީ އެމެރިކާ ސިފައިން އަފްގާނުގައި ކުރި ހަނގުރާމައިގައި އެގައުމުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދީފައިވާ ޖަމާއަތެކެވެ. އެގޮތުން އޭނާގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސް މިލިއަން ޑޮލަރު ދިނުމަށް ވެސް އެމެރިކާ އިން ވަނީ ނިންމާފައެވެ. ހައްގާނީ ނެޓްވޯކާއި ތާލިބާން ޖަމާއަތާއި ގާތް ގުޅުމެއް އޮވެއެވެ.

އަދި އަފްގާންގެ ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަމަޖައްސާފައިވަނީ ތާލިބާނުންގެ ކުރީގެ ލީޑަރު މުއްލާ އުމަރުގެ ދަރިފުޅު މުއްލާ މުހައްމަދު ޔައުގޫބު އެވެ.

ތާލިބާނުން އަފްގާނުގައި ވަގުތީ ސަރުކާރެއް އެކުލަވާލިއިރު، އެގައުމުގައި ތިބި ބޭރު ގައުމުތަކުގެ ހުރިހާ ސިފައިން މިހާރު ވަނީ އެގައުމުން ފައިބައިފައެވެ.