Last Updated: April 23, 21:11
Tuesday, April 23, 2024
ދުނިޔެ

އިޒްރޭލް ނޫން އެހެން ގައުމުތަކާ ގުޅުން ބާއްވަން ބޭނުން

ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ސުހައިލް ޝާހީން

އިޒްރޭލް ނޫން އެހެން ހުރިހާ ގައުމަކާއި ވެސް ގުޅުން ބާއްވަން ބޭނުންވާ ކަމަށް އަފްގާނިސްތާނުގެ ބާރު އަލުން އަނބުރާ ހޯދާފައިވާ ތާލިބާން ހަނގުރާމަވެރި ޖަމާއަތުން ބުނެފިއެވެ.

އަފްގާންގެ ބާރު އަލުން އަނބުރާ ހޯދާފައިވާ ތާލިބާނުން އިއްޔެ ވަނީ އެ ޖަމާއަތުން އެކުލަވާލި ވަގުތީ ސަރުކާރުގެ ބައެއް މަގާމުތަކަށް ހަމަޖައްސާފައިވާ މީހުންގެ ނަންތައް އިއުލާންކޮށްފައެވެ. ތާލިބާނުންގެ އަފްގާންގެ ބާރު 20 އަހަރަށްފަހު އަނބުރާ ހޯދީ މީގެ ތިން ހަފްތާ ދުވަސް ކުރިންނެވެ.

ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ސުހައިލް ޝާހީން ރަޝިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އިޒްރޭލާއި އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި ބޭނުންވަނީ އިޒްރޭލް ފިޔަވައި އެހެން ހުރިހާ ގައުމަކާއި ވެސް ގުޅުން ބާއްވަން ބޭނުންވާ ކަމަށެވެ.

"މި ސަރަހައްދުގެ ގައުމުތަކާއި، އަވަށްޓެރި ގައުމުތަކުގެ އިތުރުން އޭޝިއާގެ ގައުމުތަކާއި ވެސް ގުޅުން ގާއިމުކުރަން ބޭނުން" އޭނާ ބުންޏެވެ.

އަދި 20 އަހަރަށްފަހު އެމެރިކާ ސިފައިން އަފްގާނުން ފޭބި ނަމަވެސް އެގައުމަށް ވެސް ގުޅުން ގާއިމުކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އެ ފުރުސަތު އެމެރިކާ އަށް ދެން އޮންނާނީ ދެ ގައުމަށް ވެސް އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށް ސުހައިލް ބުންޏެވެ.

"އަފްގާނިސްތާނުން އަލުން އަނބުރާ އާރާސްތުކުރަން އެމެރިކާ އިން ބޭނުންވާނަމަ އެކަމަށް މަރުހަބާ ކިޔާނަން" އޭނާ ބުންޏެވެ.

ތާލިބާނުން އަފްގާނުގައި ވަގުތީ ސަރުކާރެއް އެކުލަވާލިއިރު، އެގައުމުގައި ތިބި ބޭރު ގައުމުތަކުގެ ހުރިހާ ސިފައިން މިހާރު ވަނީ އެގައުމުން ފައިބައިފައެވެ.