Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ގައުމީ ޓީމުން ބާކީކުރީ ނުފޫޒެއްގެ ސަބަބުން: ބަކާ

ބަކާ ސާފް ސުޒުކީ ކަޕްގެ ތަށި ހިފައިގެން.-- ފޮޓޯ: އެފްއޭއެމް

އަންނަ މަހު ކުޅޭ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރު ޓްރެއިނިން ކޭމްޕަށް ފުރި ގައުމީ ޓީމުގެ ސްކޮޑުން ބާކީ ކުރީ ނުފޫޒެއްގެ ތެރެއިން ކަމަށް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ތުހުމަތުކޮށްފިއެވެ.

ގައުމީ ޓީމުގެ ސްކޮޑު 30 ކުޅުންތެރިންނަށް މަދުކުރިއިރު ބަކާ އާއެކު އިތުރު ހަތަރު ކުޅުންތެރިއަކު ވެސް ވަނީ ބާކީކޮށްފައެވެ.

ގައުމީ ސްކޮޑުން ބާކީކުރި ކުރުމާ ގުޅޭގޮތުން "އައްޑޫލައިވް" އާއި މިރޭ ވާހަކަދައްކަމުން ބަކާ ބުނީ ސްކޮޑުން ބާކީ ކުރުމުން ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށާއި އެގޮތުން މިކަން މިގޮތަށް ކޮށްފައިވަނީ ކޮންމެވެސް ނުރަނގަޅު ނުފޫޒެއްގެ ތެރެއިންކަން ޔަގީންވާ ކަމަށެވެ.

"އެއީ ޔަގީން ކަމެއް. ދެން ނޭނގޭ މިއީ ކޮން ފަރާތަކުން ނުވަތަ ކިހިނެތް އައިސްފައިވާ ނުފޫޒެއް ކަމެއް. 100 ޕަސެންޓް ޔަގީން، ނުފޫޒެއް ފޯރުވާފައި އޮތީ" ބަކާ ބުންޏެވެ.

ބަކާ ބުނީ ގައުމީ ޓީމުގެ ވަގުތީ ކޯޗު އަލީ ސުޒޭން އާއި ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ކަމަށާއި އެގޮތުން މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭ ކަމުގެ ވާހަކަތައް ސުޒޭން ދައްކާފައިވާ ކަމަށެވެ. ނަމަވެސް ޕްރެކްޓިސް ފެށި ހިސާބުން ކަންކަން ބަދަލުވެގެންދިޔަ ކަމަށްވެސް ބަކާ ބުންޏެވެ.

އަދި މިކަމާ ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ވެސް މިއަދު ވާހަކަދެއްކި ކަމަށް ބަކާ ބުންޏެވެ.

"ބައްސާމް ބުނި ތިމަންނަގެ ކަމެއް ނޫނޭ މިއީ، ހަމަ ސީދާ ސުޒޭންގެ ނިންމުމެއް ކަމަށް އެއީ" ބަކާ ބުންޏެވެ.

މީގެއިތުރުން ރަނގަޅަށް ކުޅެ އަދި ފަރިތަކުރުންތަކުގައި ވެސް ގަވާއިދުން ބައިވެރިވަމުން ދަނިކޮށް އޭނާ ބާކީ ކުރުމަށްފަހު ދާދިފަހުން ގައުމީ ޓީމަށް ނެގި ބައެއް ކުޅުންތެރިން 30 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނުމަކީ މި ނިންމުން ބަލައިގަންނަން އުނދަގޫވާ ސަބަބެއް ކަމަށްވެސް ބަކާ ބުންޏެވެ.

ބަކާ އަކީ އެންމެ ފަހުން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދިވެހި ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.