Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

އަތޮޅު ކައުންސިލުގެ ނައިބު ރައީސުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

ރައީސް ސޯލިހު ތ.އަތޮޅު ކައުންސިލް މެމްބަރުންނާ އެކު - ފޮޓޯ: ރައީސް އޮފީސް

އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ލިބޭ ފައިސާއަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ އަތޮޅު ކައުންސިލްގެ ނައިބު ރައީސުންގެ މުސާރައި އާއި އިނާޔަތަށް އިތުރު 1،000ރ. ދޭ ގޮތަކަށެވެ. އަތޮޅު ކައުންސިލުގެ ނައިބު ރައީސަކަށް ހުންނަނީ އަތޮޅުގެ ރަށެއްގެ ރަށު ރައީސުންގެ ތެރެއިން ކައުންސިލަރެކެވެ. އަދި އަތޮޅު ކައުންސިލަރުންނަށް ކައުންސިލްގެ ރައީސް ފިޔަވައި ދެން ތިއްބެނީ އެ އަތޮޅެއްގެ ރަށު ކައުންސިލްގެ ރައީސުންނެވެ.

އަތޮޅު ކައުންސިލްގެ ރައީސަކަށް 28،000ރ. އަށް ލިބޭއިރު، ރަށު ކައުންސިލުތަކުގެ ރައީސުންނަށް އެލަވަންސްތަކާއެކު 20،000ރ. މިހާރު ލިބެ އެވެ.

މިހާރު އޮންނަ ގޮތުން ނައިބު ރައީސް އިސްތިސްނާ ކުރުމެއް ނެތި އަތޮޅު ކައުންސިލަރުންނަށް ވެސް ލިބެނީ އަތޮޅު ކައުންސިލް ބައްދަލުވުންތަކަށް 500 ރުފިޔާގެ އެލަވަންސެކެވެ. އަދި އެ އެލަވަންސް 2000 ރުފިޔާއަށްވުރެ ބޮޑެއް ނުކުރެވޭނެ އެވެ. އެހެންވެ އަތޮޅު ކައުންސިލްގެ ނައިބު ރައީސުންގެ މުސާރަ ބޮޑުކުރަން މަޖިލީހަށް ހުށައެެޅީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިނެވެ.

ރައްޔިތުންގެ މަޖިލީހުން އެގޮތައް ފާސްކުރީ 41 މެމްބަރުންގެ އިއްތިފާގުންނެވެ.

ރަށް ރަށުގެ އަންހެނުން ކުރިއަރުވާ ކޮމެޓީތަކުގެ މެމްބަރުންނަށް ދޭ އިނާޔަތްވެސް ބޮޑުކުރަން ހުށައަޅަން ސަރުކާރުން މިހާރު ވަނީ ނިންމާފައި އެވެ.