Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

މެސީ އަށް ހެޓްރިކަކާއި ރެކޯޑެއް

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބޮލީވިއާގެ މައްޗަށް 3-0 އިން އާޖެންޓީނާ އިން ކުރި ހޯދި މެޗުގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ހެޓްރިކެއް ހެދުމުގެ އިތުުރުން ރެކޯޑެއް ގާއިމްކޮށްފިއެވެ.

މި މެޗުގައި މެސީގެ ހެދި ހެޓްރިކާ އެކު އޭނާ މިހާރު ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ސައުތް އެމެރިކާގެ ކުޅުންތެރިއާގެ ރިކޯޑު މުގުރާލާފައެވެ. ރޭގެ މެޗުގައި މެސީ ކާމިޔާބުކުރި ތިން ގޯލާއެކު މެސީ މިހާރު ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 79 ގޯލު ކާމިޔާބުކޮށްދީފައެވެ.

މި ރިކޯޑު މީގެކުރިން އޮތީ ބްރެޒިލްގެ ލެޖެންޑް ޕެލޭގެ އަތުގައެވެ. ޕެލޭ މި ރިކޯޑު ގާއިމުކުރީ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗުގައި މެސީގެ ފަރާތުން ފެނުނު ފުރަތަމަ ގޯލު ކާމިޔާބުކުރީ ފުރަތަމަ ހާފްގައި ކަމަށްވާއިރު، ދެވަނަ ހާފްގައި އޭނާ ވަނީ އިތުރު ދެ ގޯލު ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު އާޖެންޓީނާ އޮތީ ދެކުނު އެމެރިކާގެ ކޮލިފައިންގެ ދެވަނައިގައި 18 ޕޮއިންޓާ އެކުއެވެ. ކޮލިފައިންގެ އެއްވަނައިގައި 24 ޕޮއިންޓާ އެކު އޮތީ ބްރެޒިލް އެވެ.