Last Updated: March 29, 06:30
Friday, March 29, 2024
ރިޕޯޓް

ގަމުގައި ހިންގި ފެކްޓްރީ (1)

ކިތަންމެ ބޮޑު ގެއްލުމެއް ވިޔަސް އައްޑުއަތޮޅުގެ ރައްޔިތުންގެ ފައިދާއަށްޓަކައި ހިންގާ ގޮތަށް ސަރުކާރުގެ ދީލަތިކަމާއި މޫރިތިކަމުން ހައްދަވައި ދެއްވި ކަމަށް އޭރުގެ ސަރުކާރުން ދައު ވާކުރެއްވި ފެކްޓަރީތަކުގެ ހަގީގަތާ މެދު އެއްޗެއް ބުނެލާން ކަމަށެވެ. އިޒުނަ ދެއްވުން އެދެމެވެ.

ޖޫން 21، 1981 ގައި އައްޑު އަތޮޅު ގަމުގައި ހެދުން ތައްޔާރު ކުރާ ދެ ފެކްޓަރީއެއް ހިންގަން ފެށި އެވެ. މި ދެ ފެކްޓަރީއަކީ ސިލްވަލައިން ގާމެންޓްސް މޯލްޑިވްސް (ޕްރައިވެޓް) ލިމިޓެޑާއި ޖޭއެސްއެމް/އެސްޓީއޯ މޯލްޑިވްސް (ޕްރައިވެޓް) ލިމިޓެޑެވެ.

ޖޭއެސްއެމް/އެސްޓީއޯއަކީ ފަހުން ގަން އެޕޭރަލް މޯލްޑިވްސް (ޕްރައިވެޓް) ލިމިޓެޑެވެ. ސިލްވަލައިން ފެކްޓަރީ ހިންގުނީ ދެ ފެކްޓަރީ އެއްގެ ގޮތުގަ އެވެ.

އެއީ ސިލްވަލައިން ގާރމެންޓްސް ފެކްޓަރީ އާއި ސިލްވަލައިން ޓީޝާޓް ފެކްޓަރީ އެވެ. ޖޭއެސްއެމް/އެސްޓީއޯ ވެސް ދެ ބަޔަކަށް ބެހިފައިވެ އެވެ.
އެއީ ޖޭއެސްއެމް/އެސްޓީއޯ ވޫވަން ޑިވިޝަނާއި، ޖޭއެސްއެމް/އެސްޓީއޯ ނިޓިން ޑިވިޝަނެވެ. މި ފެކްޓަރީތައް ހިންގީ ހޮންކޮންގުގެ ކުން ފުންޏެއްކަމުގައިވާ ޑީޓެކްސް ލިމިޓެޑުންނެވެ.
ދިވެހި ސަރުކާރާ ހިއްސާވެގެން ހިންގުނު ކަމުގައިވިޔަސް ހުރިހާކަމަކާއި ޙަވާލުވެ ޒިންމާދާރުވީ ޑީޓެކްސް އެވެ. އެތަނުން ލިބޭ ފައިދާގެ %51 ދިވެހި ސަރުކާރަށެވެ. އަނެއް %49 ޑިޓެކްސް އަށެވެ.

މި ފެކްޓަރީތަކުން ތައްޔާރު ކުރާ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ޝާޓްސް، ޕޭންޓްސް، ޝޯޓްސް، ބްލައުސް، ސްކާޓްސް، ސުވިޓަރ ފަދަ ބާވަތްތަކެވެ.
މި ތަކެތި ބޭރު ކުރެވެނީ އެމެރިކާ އާއި ކެނެޑާ އަދި ޔޫރަޕްގެ ބައެއް ޤައުމުތަކަށެވެ. މި ފެކްޓަރީތަކަށް ދިމާވި ކަމަށް ބެލެވޭ އެންމެ ބޮޑު އެއް މައްއަލައަކީ ގަވައިދުން މުސާރަ ނުދެވުމެވެ.

ދެ މަސް ފާއިތުވެ ނިމޭއިރު ވެސް އޮންނަނީ މުސާރަ ނުދެވި އެވެ. ބައެއް ފަހަރު ފުލައިޓް ދަތުރު ނޯންނާތީ މާލޭން މުސާރަ ނުގެނެވިގެން ކަނޑު ބޯޓެއް ކުއްޔަށް ހިފައިގެން މުސާރަ ނަގަން ދާން ޖެހެ އެވެ.
ދަގަނޑު ފޮށްޓަކަށް ފައިސާ އަޅައިގެން ތިން މީހަކު މި ދަތުރު ގޮސްފައި އައުމުން ލިބޭނީ ވެސް އެއް މަސް ދުވަހުގެ މުސާރަ އެވެ. އަނެއް މަހުގެ މުސާރައެއް ނުލިބޭނެ އެވެ. އެންމެ ދެރަކަމަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ގަމުގައި ހުޅުވިފައި ހުރި އިރު ވެސް އެ ބޭންކުން މި ފައިސާ ލިބޭ ގޮތް ހަމަޖެހިފައި ނެތުމެވެ.

ފެކްޓަރީގައި މަސައްކަތް ކުރާ ދިވެހީންނަށް 300ރ. ގެ މުސާރައެއް ދެވުނެވެ. އަދި އިތުރު ގަޑީގައި ކުރާ މަސައްކަތަށް ވެސް އޯވަޓައިމްގެ އުޞޫލުން އުޖޫރަ ދެވެ އެވެ.
ކެއުން ބުއިމާއި ދަތުރުގެ ޚަރަދާއި ބޭސް ކުރުމުގެ ޚަރަދު ކުރަން ޖެހެނީ ވެސް މުސާރައިންނެވެ. ގިނަ މީހުން ކެއުމަށްޓަކައި ކާތަކެތި ގެންދަން ޖެހެނީ ރަށުން ޕާރުސަލްކޮށްގެންނެވެ. މި ގޮތަށް ކާތަކެތި ގެނެސްގެން ނޫނީ ފައިސާކޮޅެއް ރައްކާ ނުކުރެވެ އެވެ. ބައެއް ކުދީން ކަނީ ހޮޓަލުންނެވެ.

ހޮޓަލުން ކައި އުޅޭ ކުދީން ރަށަށް ގެންދާނެ ފައިސާ އެއް ނުހުރެ އެވެ. ފެކްޓަރީގައި މަސައްކަތް ކުރުމަށް އައްޑު އަތޮޅުގެ އެކި ރަށްރަށުން އަންނަ ހުރިހާ މީހުންގެ ދަތުރު ޚަރަދު އެ މީހުން އަމިއްލައަށެވެ. ހިތަދު އާއި ހަމައަށް ބަހުގައެވެ. ހުޅުމީދު އަށް ދޯނިފަހަރު ގަ އެވެ. ދަތުރު ކުރުމަށްޓަކައި ކޮންމެ މީހަކު މަހަކު 30 ރުފިޔާ އެސްޓީއޯ އަށް ދައްކަން ޖެހެ އެވެ. މި 30 ރުފިޔާ ވެސް ދިނުން ދަތިވެގެން ބައެއް މީހުން ރަށަށް ނުގޮސް އުޅެވޭތޯ ބަލަ އެވެ.

އާއްމު ގޮތެއްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ހެންދުނު 7:30 އިން ހަވީރު 4:30 އަށެވެ. އެއީ މެންދުރުގެ ކެއުމަށް އެއް ގަޑި އިރުގެ ބްރޭކަކަށް ފަހުގަ އެވެ.

ގިނަ ރޭރޭ އޯވަޓައިމްގެ ގޮތުން 10 ޖަހަންދެން މަސައްކަތް ކުރުމަކީ މަޖުބޫރު ކަމަކަށް ވެފައި ވެ އެވެ. އޯވަޓައިމަށް ތިބުމަށް އުޒުރުވެރި ވިޔަސް ރަށަށް ނުފޮނުވައި މަސައްކަތް ކުރަން މަޖުބޫރު ކުރުވަ އެވެ.

ފެކްޓަރީގައި މަސައްކަތް ކުރާ ކުދީން ބަލިވުމުން ބައި ތިއްބާނެ ސިކް ރޫމެއް ނުހުރެ އެވެ. ކުއްޖަކު ބަލިވެއްޖެ ނަމަ ހަދާ ގޮތަކީ ބަލި ކުދީން ދިގު ގޮނޑިއެއްގައި ނުވަތަ ފިލާގަނޑެއްގެ މަތީގައި ބާއްވަނީ އެވެ. ބައެއް ފަހަރު އަންހެން ކުދީންގެ އަތުގެ އިނގިއްޔަށް ތިނޯސް ވަދެ އިނގިލީގެ ތެރެއަށް ބިނދި ނުވަތަ ދަގަނޑުގޮށް (ސްނެޕް ބަޓަން) ޖަހާ އިރު ގޮށުގެ ދެ ފަޅި އިނގިލީގެ ދެ ފަރާތަށް ޖެހި ޗިސްޗިސްވެ ލޭ ފައިބާ އިރު ވެސް ފަރުވާ ނުދެވިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވެނީ ވެސް ވަރަށް ގިނަ ވަޤުތުތަކަކަށް ފަހު އެވެ.

މި ގޮތަށް އިނގިލި ހަލާކުވެފައި ތިބި ކުދިން ވަރަށް ގިނަވާނެ އެވެ. ކުއްޖަކު ބަލިވެ ހާލު ބޮޑުވާ އިރު ވެސް އެންމެ ކުޑަވެގެން މައިންބަފައިންގެ ކާރިއަށް ފޮނުވޭނެ ފަދަ ގޮތެއް ވެސް ހަމަޖެހިފައި ނުހުރެ އެވެ.

އޭޕްރީލް 1983 ގައި ޕާސަނަލް ސެކްޝަނެއް އުފެދި ފެކްޓަރީގެ އަސާސީ ޤަވާޢިދު އެކުލަވާލުމުގެ މަސައްކަތް ފެށުނެވެ. މި ޚަބަރު ލިބުމުން މަސައްކަތްތެރީން މަސައްކަތްކޮށްފައި ވަނީ ހިތް ހަމަޖެހިގެންނެވެ.
މަސައްކަތަށް ހާޒި ރުނުވާ މީހުންގެ ޢަދަދު %50 މަދުވެ، އަމިއްލަ އަށް ވަޒީފާ ދޫކޮށްލާ ފަރާތްތައް މަދުވި އެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ މި ކަންތައްވެސް ވަޅުޖެހުނެވެ. އޭގެ ފަހުން 1984 ގެ ފަހުކޮޅު ފެކްޓަރީގެ މެނޭޖަރެއްގެ ވަޒީފާ އަށް އައީ މރ.ކޭޖީ ލިއޯ އެވެ.

މިއީ ފެކްޓަރީގެ މުސްތަޤުބަލް ވަރަށް އުޖާލާވި ދުވަސްވަރެކެވެ. ނަމަވެސް ވަރަށް ކުރު މުއްދަތެއްގައި ހިގި ޒާތީ މައްސަލަތަކެއްގައި އޮޅުވާލުމެއްގެ ތެރޭން އޭނާ ރާއްޖޭން ފޮނުވާލި އެވެ. އެއަށް ފަހު ފެކްޓަރީގެ މެނޭޖަރެއްގެ މަޤާމަށް އައީ މިސްޓަ ޕޫންސަން އެވެ. އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމަށް މިސްޓަ ފިލިޕްސަން އެވެ. އަދި ކުންފުނީގެ ޑައިރެކްޓަރ މިސްޓަރ ކޭޖީ.ޗޮއި ގަމުގައި ހުންނަ ގޮތަށް ހަމަޖެހުނީ ވެސް މި އަހަރު އެވެ.

އޭގެ ފަހުން 1985 ގެ ކުރީކޮޅު މުވައްޒަފުންގެ ޖޮބް ސިކިއުރިޓީއެއް ނެތިގެން އެތަކެއް މައްސަލަތައް ދިމާވުމުން އެސްޓީއޯ އިން ގަވާއިދެއް ފޮނުވި އެވެ.

މިއީ ވެސް ތާކުންތާކު ޖެހޭ އެއްޗެއް ނޫން ކަމަށް އެންމެ ފަހުން އެސްޓީއޯ އިން ގަބޫލު ކުރި އެވެ. މި އަހަރުގެ ކުރީކޮޅުން ފެށިގެން ފެކްޓަރީއަށް ބޭނުންވާ ވަރަށް ދިވެހީން ނުލިބުމުގެ މައްސަލަ ދިމާވި އެވެ.
އެހެންވެ ބޭރު ގައުމުތަކުން މީހުން ހޯދަން ޖެހުނެވެ. މި ގޮތުން ފެބްރުއަރީ 4، 1986 ގައި ސިލޯނުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ 112 މީހުން ގެނެސް މި މީހުންނަށް ވަކި ޝިފްޓެއް އުފެދުނެވެ.

މި މީހުންގެ މަސައްކަތުން ދައްކާ ނަތީޖާ ހީކުރިހާ ރަނގަޅެއް ނޫނެވެ. ތަޖުރިބާ ލިބިފައިވާ ކުއްޖަކަށް އެވްރެޖްކޮށް ދުވާލަކަށް 16.07 ގަމީސް ނިންމޭ އިރު ތަޖުރިބާ ލިބިފައި ނުވާ ދިވެއްސަކަށް ނިންމެނީ 17.22 ގަމީހެވެ. ބިދޭސީންނަށް މަހަކު 80 ޑޮލަރާއި ކެއުން ބުއިމާއި އަދި ހުރުން ހަމަޖެހިފައިވެ އެވެ.
ގައިގެ ކުލަ ވެސް ތަފާތެއް ނެތް މި ދެ ބައި މީހުން ކުރާ މަސައްކަތަކީ ހަމަ އެއް މަސައްކަތެކެވެ. އެންމެ ފަހުން ބިދޭސީ މުވައްޒަފުން އިތުރުވަމުން އައިސް ސިލޯނުގެ 600 މުއައްޒަފުންނަށް އިތުރު ކުރެވުނެވެ.

ދިވެހީންގެ ތެރޭގައި މައިގަނޑަކަށް ހިމެނެނީ އައްޑު އަތޮޅުގެ މީހުންނެވެ. ފުވައްމުލަކު މީހުންވެސް އުޅެ އެވެ. މައްސަލަ ބޮޑުވެއްޖެ އެވެ. ދިވެހިންގެ ޖޮބް ސިކިއުރިޓީއެއް ނެތެވެ.

ކަނޑައެޅިފައިވާ ވަކި ގަވައިދެއް ނެތެވެ. މެނޭޖްމެންޓް ތެރޭގައި އެތައްއެތައް ގޯހެއް ހިނގަ އެވެ. ހަމަޖެހިފައިވާ ކޮމްޕެނީ ޕޮލިސީއެއް ނެތެވެ.
މީހުން ގެންގުޅުމުގެ ގޮތްގަނޑު އެނގިފައެއް ނެތެވެ. މީހުންގެ ފަރާތުން މަސައްކަތް ކުރުވުމުގެ ތަޖުރިބާއެއް ނެތެވެ. އަނގައިން ބުނެވޭ ކޮންމެ ބަހަކީ ގަވައިދުތަކަކަށް ވެއްޖެ އެވެ. ބޭކާރު ޚަރަދުތައް ގިނަވެއްޖެ އެވެ. ކުންފުނީގެ މުދާ އަމިއްލަ އެކި ބޭނުންތައް ފުއްދުމަށާއި ރަސްމީ ބޭނުންތައް ފުއްދުމަށާއި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ވަޑައިގަތުމުން ސިއްރު ހަދިޔާ ދިނުމަށް ބޭނުން ކުރާ ތަކެއްޗަށް ބަދަލުވެއްޖެ އެވެ.

ޖޭއެސްއެމް/އެސްޓީއޯ ވޫވެން ޑިވިޝަނުގެ ހާލަތާ މެދު އެހެން އެއްޗެއް ވެސް ބުނެލާނަމެވެ. މިއީ 1986 ގެ ޖުލައި މަހު މި ފެކްޓަރީގައި އަންހެނުންގެ ހަތް ފާޚާނާ ހުރި އިރު ބޭނުން ކުރެވެނީ ހަމައެކަނި ތިން ފާޚާނާ އެވެ.
އަންހެނުންގެ ޢަދަދަކީ 297 އެވެ. ފިރިހެނުންގެ ދެ ފާޚާނާ ހުރި އިރު ބޭނުން ކުރެވެނީ އެއް ފާޚާނާ އެވެ. ފިރިހެނުންގެ ޢަދަދަކީ 227 އެވެ.

މި ފެކްޓަރީގައި 524 މުއައްޒަފުން ތިބޭ އިރު ފެން ބުއިމަށް ހުރީ އެންމެ ފެން އިސްކުރެކެވެ. ކާން ތިބޭނެ ތަނެއް ނެތެވެ. ފެކްޓަރީގެ މުދާ ރައްކާ ކުރާ ކޮންމެވެސް ތަނެއްގައި ތިބެގެން ރަށުން ގެންނަ އެތިކޮޅު ކައި ލަނީ އެވެ. ނަމަވެސް 1986ގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އަމިއްލަ އަށް ވަޒީފާއިން ވަކިވި ފަރާތްތަކުގެ އެވްރެޖަކީ މަހަކު 14 މީހުންނެވެ.

މަސައްކަތަށް ހާޒިރު ނުވެގެން ވަކިކުރަންޖެހުނު މީހުންގެ އެވްރެޖަކީ މަހަކު 28 މީހުންނެވެ. މި ޢަދަދަކީ 1983 އާ އަޅާބަލާ އިރު ތިންގުނަ މަތީ ޢަދަދުތަކެވެ.

ވަޒީފާ ދޫކޮށް ދާމީހުން ގިނަވާން ފަށައިފި އެވެ. ހާޒިރު ނުވާ މީހުން ގިނަވާން ފަށައިފި އެވެ. މުވައްޒަފުން ހޯދުން ދަތިވާން ފަށައިފި އެވެ.

ނަތީޖާއެއްގެ ގޮތުން ކަނޑައެޅޭ މުއްދަތަށް އޯޑަރުތަކެއް ނުނިންމެ އެވެ. ސިލްވަލައިން ފެކްޓަރީ ބަނގުރޫޓްވީ އެވެ. ޖޭއެސްއެމް/އެސްޓީއޯ އިން ހުރިހާ މުދަލަކާއި މުވައްޒަފުންނާއި ހަވާލުވާން ވެސް ޖެހުނީ އެވެ.

(ނުނިމޭ)

(ނޯޓް: މިއީ މީދޫ.ކޮމްގައި އުނިސާރުގެ ނަމުގައި ލިޔެފައިވާ އާޓިކަލެކެވެ.)