Last Updated: April 25, 22:42
Friday, April 26, 2024
ކުޅިވަރު

ޕެލެސް އިން ޓޮޓެންހަމް ބަލިކޮށްފި

ޕްރިމިއާ ލީގުގައި މިރޭ 3-0 އިން ކްރިސްޓަލް ޕެލެސްގެ މައްޗަށް ޓޮޓެންހަމް އިން ކުރި ހޯދައިފިއެވެ.

މިއީ މި ދެ ޓީމުވެސް ލީގުގައި ކުޅުނު ހަތަރުވަނަ މެޗު ކަމަށްވާއިރު، މިއީ ޓޮޓެންހަމް ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ ލީގުގައި ޕެލެސް އިން މިފަހަރު ހޯދި ފުރަތަމަ މޮޅެވެ.

ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މެޗުގެ 58 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ޑިފެންޑަރު ޓަންގަންގާ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ.

މެޗުގެ ބާކީބައި 10 ކުޅުންތެރިންނާ އެކު ޓޮޓެންހަމް އިން ފުރިހަމަ ކުރަން ޖެހުނުއިރު، ޕެލެސްގެ ފުރަތަމަ ގޯލަކީ މެޗުގެ 76 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ. މި ގޯލު ޕެލެސް އަށް ކާމިޔާބުކޮށްދިނީ ވިލްފްރެޑް ޒަހާ އެވެ.

އަދި މެޗުގެ 84 ވަނަ މިނެޓްގައި ޕެލެސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި އެޑުއާޑް އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ކުޅެން އެރިތާ 27 ސިކުންތުގެ ތެރޭގައެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޕެލެސްގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ އެޑުއާޑް އެވެ.

އެޑުއާޑް އަކީ މިދިޔަ ޓްރާންސްފާ މާކެޓުގައި ސެލްޓިކުން 14 މިލިއަން ޕައުންޑުގެ އަގަކަށް ޕެލެސްއާ ގުޅުނު ކުޅުންތެރިއެކެވެ.

ލީގުގައި ޓޮޓެންހަމް ދެން ބައްދަލުކުރާނީ ޗެލްސީ އާއެވެ. ޕެލެސް ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.