Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ރޮނާލްޑޯގެ ދެ ގޯލުން ޔުނައިޓެޑް މޮޅުވެއްޖެ

ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލުން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 4-1 އިން މެންޗެސްޓަރ ޔުނައިޓެޑް މިރޭ ކުރި ހޯދައިފިއެވެ.

މިއީ މި ދެ ޓީމުވެސް ލީގުގައި ކުޅުނު ހަތަރުވަނަ މެޗު ކަމަށްވާއިރު، މިއީ ޔުނައިޓެޑް ހޯދި ތިންވަނަ މޮޅެވެ. އަދި މިއީ ލީގުގައި ނިއުކާސަލް ބަލިވި ތިންވަނަ މެޗެވެ. އެޓީމަށް ލީގުގައި އަދި މޮޅެއް ހޯދިފައެއް ނުވެއެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ މި ގޯލު ކާމިޔާބުކުރީ މޭސަން ގްރީންވުޑް ފޮނުވާލި ހަމަލާއެއް ކީޕަރުގެ އަތުގައި ޖެހިފައި ބޭރަށް ނިކުތް ވަގުތު ގޯލަށް ފޮނުވާލައިގެންނެވެ.

ޔުނައިޓެޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 56 ވަނަ މިނެޓްގައި ހާވިއޭ މަންކިއުލޯ ވަނީ ނިއުކާސަލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ އަލުން ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. ރޮނާލްޑޯ މި ގޯލު ކާމިޔާބުކުރީ ޝޯ ދިން ޕާހަކުން ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ފޮނުވާލި ހަމަލާއަކުންނެވެ.

އަދި މި މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފަނާންޑޭސް އެވެ. ބްރޫނޯ މި ގޯލު ކާމިޔާބުކުރީ ނިއުކާސަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ޔުނައިޓެޑްގެ ހަތަރުވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޖެސީ ލިންގާޑެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއެވެ. ނިއުކާސަލް ނިކުންނާނީ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށެވެ.