Last Updated: April 26, 23:00
Friday, April 26, 2024
ކުޅިވަރު

ލުކާކޫގެ ދެ ލަނޑުން ޗެލްސީ އަށް މޮޅެއް

ރޮމެލޫ ލުކާކޫގެ ދެ ލަނޑުން 3-0 އިން އެސްޓަންވިލާގެ މައްޗަށް ޗެލްސީން ކުރި ހޯދައިފިއެވެ.

މިއީ މި ދެ ޓީމުވެސް ލީގުގައި ކުޅުނު ހަތަރުވަނަ މެޗު ކަމަށްވާއިރު، މިއީ ޗެލްސީން ހޯދި ތިންވަނަ މޮޅެވެ. އަދި މިއީ ލީގުގައި އެސްޓަންވިލާ ބަލިވި ދެވަނަ މެޗެވެ.

ޗެލްސީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ 15 ވަނަ މިނެޓްގައި ލުކާކޫ ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. އެގޮތުން ކޮވަސިޗް ދިން ޕާހަކުން ލުކާކޫ މި ގޯލު ކާމިޔާބުކުރީ އެސްޓަންވިލާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

ޗެލްސީގެ މި ގޯލަށްފަހު އެސްޓަންވިލާ އިން ކުޅުން ރަނގަޅުކޮށް ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން އޮލީ ވޮޓްކިންސް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޗެލްސީފެ ޑިފެންޑަރު ތިއާގޯ ސިލްވާ ދިފާއުކުރިއިރު އެޓީމުގެ ކީޕަރު މެންޑީ ވެސް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.

ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ކޮވަސިޗް ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ އެސްޓަންވިލާގެ ޑިފެންޑަރު މިންގްސް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ދެވަނަ ގޯލަށްފަހު މެޗުގެ ކޮންޓްރޯލް ޗެލްސީން ހޯދިއިރު، އެޓީމުގެ ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ލުކާކޫ އެވެ. ލުކާކޫގެ މި ގޯލަކީ ވިލާގެ ޕެނަލްޓީއޭރިއާގެ ބޭރުގެ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި ލުކާކޫ ކާމިޔާބުކުރި ތިންވަނަ ގޯލެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ޓޮޓެންހަމް އާއެވެ. އަދި އެސްޓަންވިލާ ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.