Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

ކޮވިޑްގައި މޯލްޑިވިއަންގެ ޕައިލެޓުންވީ ގުރުބާނީ ހަނދާން ނުނެތޭނެ!

ކޮވިޑް-19 ގައި މުޅި ރާއްޖެ ބަންދުވެ، ދަތުރުފަތުރުތައް ހުއްޓާލައި، ރައްޔިތުން ގޭ ބަންދުވެގެން ތިބިއިރު ބަލި މީހުންނާއި ކޮވިޑަށް ޕޮޒިޓިވްވި މީހުން ފެސިލިޓީތަކަށް ގެންދިޔުމުގެ އިތުރުން ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލްތައް އުފުލައި ބޮޮޑު ގުރުބާނީއެއްވި އެއް ބަޔަކީ މޯލްޑިވިއަންގެ ޕައިލެޓުންނާއި އެ ކުންފުނީގެ ހީވާގި ސްޓާފުންނެވެ. ޕައިލެޓުންނާއި ސްޓާފުން ކޮންމެ ދުވަހަކު ގައުމަށްޓަކާ އާއިލާ އާއި ދަރިންނާއި ދުރުގައި ތިބެ ވަމުންދިޔަ ގުރުބާނީ އަކީ ނަގާލާ ރީތި ފޮޓޯއަކުން ނުވަތަ ބުނެލާ ބަހަކުން ދޭހަވާނެ ކަންކަމެއް ނޫނެވެ.

އެއްވެސް ޝަކުވާއެއް ނެތި މޯލްޑިވިއަންގެ ހީވާގި މުވައްޒަފުން ގައުމަށްޓަކާ ގުރުބާނީތަކެއް އިއްޔެވިއިރު، މިއަދު އެ ސްޓާފުން ތިބީ މުސާރަ އާއި އެލަވެންސްގެ އިތުރުން ކުންފުނީގައި ހުރި ބޮޑެތި މައްސަލަތަކާއި މެދު މާޔޫސްވެ ހިތްހަމަނުޖެހުމެއްގެ ތެރޭގައެވެ. ކޮންމެ މުވައްޒަފަކު ވެސް ވަޒީފާއަކަށް ދާނީ ވަޒީފާ އަދާކުރާ ތަނުން ދޭން ކަނޑައަޅާ މުސާރައަކައާއި އިނާޔަތްތަކަށް އެއްބަސްވެގެންނެވެ. ޕައިލެޓުން ފެށިގެން ޕިޔޯނު މީހާއާއި ހަމައަށް ވެސް އޮތީ ހަމަ އެ އުސޫލެވެ. ނަމަވެސް ހާއްސަ ހާލަތްތަކަކާއި ގުޅިގެން މުސާރަ އަށް ބަދަލެއް ގެނައުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ ހާލަތު ބަދަލުވާއިރު ވެސް ކުރިން ކުޑަކުރި މުސާރަ އިޔާދަނުކޮށްދެވި ދިގުލައިގެން ދިޔުމެވެ. މައްސަލަތަކަށް ހައްލު ހޯދައި ނުދެވުމެވެ.

ކޮވިޑާއި ގުޅިގެން ފްރަންޓްލައިނުގައި ހަރަކާތްތެރިވި މަސައްކަތްތެރީންގެ އަގު ސަރުކާރުން ވަޒަންކޮށްފައިވެއެވެ. އެގޮތުން ސިއްހީ ހިދުމަތްތެރިންނާއި އެ ނޫންވެސް ފަރާތްތަކަށް ފްރަންޓްލައިން އެލަވެންސް ވެސް ދީފައިވެއެވެ. ނަމަވެސް މި އެލަވެންސްގެ ހަވާސާ އިން ޕައިލެޓުންނާއި މޯލްޑިވިއަންގެ ފްރަންޓްލައިން ސްޓާފުން ވަނީ އެއްކޮށް ބޭރުވެފައެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި އިންތިހާ އަށް ބިރުވެރިވެގެން ދިޔައިރު އޮފީހުގައި ނިދާފައި، އަމިއްލަ ޖީބުން ހަރަދުކޮށްގެން ކައިބޮއި ހަދައި، އަދި އަމިއްލަ ގެޔަށް ވެސް ނުގޮސް ޕައިލެޓުންނާއި ސްޓާފުން ތިބީ ގައުމީ ހިދުމަތުގައެވެ. ޕީޕީއީ ލައިގެން އެތައް އިރެއް ވަންދެން ޕައިލެޓުންނާއި ސްޓާފުން ފްލައިޓްތަކުގައި އެތައް ގަޑިއިރެއް ހޭދަކޮށް ބޮޑެތި ގުރުބާނީތަކެއް ވިއިރު މިއަދާއި ހަމައަށް އައިރު ވެސް އެ ފަރާތްތަކަށް އެލަވެންސެއްހާ މިންވަރު ވެސް ދެވިފައި ނެތުމަކީ ލަދުވެތިވާންޖެހޭ ކަމެކެވެ.

މީގެއިތުރުން ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތައް ލޮކްޑައުންގެ ހާލަތަށް ގެނައުމުން ވައިގެ ދަތުރުފަތުރުކުރުމުގައި ދިމާވި ދަތިތަކަށް ހައްލު ހޯދައިދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރީ މޯލްޑިވިއަންގެ ސްޓާފުންނެވެ. އެ މަސައްކަތް އެ މުވައްޒަފުން ކުރީ އެއްވެސް ބަހަނާއެއް، އުޒުރެއް ނެތި އަދި އެލަވެންސެއް ލިބޭނެ ކަމުގެ ވެސް އުއްމީދެއް ނެތިއެވެ. ނަމަވެސް އެ ހީވާގި މުވައްޒަފުން އޭރުވެސް ކުރަމުންދިޔަ އެއް އުއްމީދެއް އޮތެވެ. އެއީ ހާލަތު ރަނގަޅު ވުމުން ކުޑަކުރި މުސާރަ އަލުން އިޔާދަކޮށްދޭނެ ކަމުގެ އުއްމީދެވެ. ތަފާސް ހިސާބުތަކަށް ބަލާލުމުން ހާލަތަށް އަންނަ ބަދަލު ފެނެއެވެ. ނަމަވެސް އަދިވެސް ހަމަ އަތަށް އަރަނީ މުސާރައިގެ ބައިކުޅަ ބަޔަކެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުސާރަތައް 70 ޕަސެންޓާއި ހަމައަށް ކުޑަކޮށްފައިވާއިރު، ޕައިލެޓުންނާއި މުވައްޒަފުންގެ ކެތްތެރިކަން އެންމެފަހުން ކޮޅުންލީ ހައްލެއް ހޯދަން މަސައްކަތް ކުރާތާ އެތައް މަހެއް ވީއިރު ވެސް އެކަން ކޮޅެއްގައި ޖެހޭގޮތް ނުވުމުންނެވެ. ކުއްޔަށް ހިފާފައިވާ އެޕާޓްމެންޓަށް ފައިސާ ދައްކަން ވެސް އުނދަގޫވާހާ ހިސާބަށް ކަންކަން ގޮސްފައިވާއިރު ވެސް މިކަމަށް އެދެވޭ ހައްލެއް ގެނައުމަށް މެނޭޖްމެންޓުން މަސައްކަތް ނުކުރާ ކަމަށް ޕައިލެޓުން ތުހުމަތު ކުރެއެވެ.

މޯލްޑިވިއަންގެ ތެރޭގައި ހުރި މައްސަލަތައް ފެންމަތިވެފައިވާއިރު މެނޭޖްމަންޓާ ދޭތެރޭ ހިތްހަމަނުޖެހުންތައް ފާޅުކޮށް މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ދާދިފަހުން ވަޒީފާ އިން ވެސް ވަނީ ވަކިވެފައެވެ. އޭގެތެރޭގައި ހިމެނެނީ ސީޕްލޭންގެ ހަތަރު ކެޕްޓަނުންނާއި ތިން ކޯ ޕައިލެޓުންނެވެ. އަދި މައްސަލަ އަށް ހައްލެއް ލިބެންދެން މޯލްޑިވިއަންގެ އެހެން ޕައިލެޓުންނާއި ސްޓާފުން މިހާރު އަންނަނީ މެނޭޖްމެންޓަށް ބީރު ކަންފަތެއް ދޭން ތައްޔާރުވަމުންނެވެ. އެގޮތުން އެ މުވައްޒަފުން މައްސަލަތައް ހައްލުކުރަން މެނޭޖްމެންޓަށް މިއަދުގެ ނިޔަލަށް ވަނީ މުހުލަތެއް ދީފައެވެ. ނޫނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުދުހުންތައް ހުއްޓިދާނެ ކަމުގެ ބިރު މިހާރު އެބައޮތެވެ.