ކަންނެތް މީހުންނަކީ ހުކުމެއް ކުރާއިރަށް ފިލާ ރައްކާވާ މީހުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ވަރަށް ކަންނެތް ބޭފުޅެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ މުއައްސިސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ރޭ ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ޔާމީނަށް އެންމެ މުހިއްމީ ދިވެހި ގައުމުކަން ސާބިތުކޮށްދެއްވި ކަމަށާއި އެއީ ކަންނެތް މީހުންގެ ސިފައެއް ނޫން ކަމަށެވެ. އެގޮތުން ކަންނެތް މީހުންގެ ގޮތަކީ ކަމެއް ދިމާވުމުން ފިލާ ރައްކާވުން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ހުކުމެއް ކޮށްފިއްޔާ ފިލައިގެން ރައްކާވަނީ. އެއީ ކަންނެތް މީހުންނަކީ. ކުފޫ ހަމަނުވާ މީހާއަކީ ތިމާއަށް ލިބިފައިވާ ބާރަށް ވުރެ އިތުރު ބާރު ނާޖާއިޒް ގޮތުގައި ބޭނުންކުރާ މީހުން. މިދެ ކަންތައްކަށް ބަލާއިރު ރައީސް ޔާމީން ފިޔަވައި ރާއްޖޭގެ ވެރިކަމަށް ގެންނަން ކުފޫ ހަމަވާ ބޭފުޅަކު މިވަގުތު ރާއްޖޭގައި ނެތް. ހަމަ އެގޮތަށް ހީވާގި ކަމާއި މުރާލިކަމަށް ބާލާއިރުވެސް ރައީސް ޔާމީން ފިޔަވާ ވެރިކަމަށް ގެންނަންޖެހޭ އިތުރު ބޭފުޅަކުނެތް" އަދުރޭ ވިދާޅުވިއެވެ.
މީގެއިތުރުން އަދުރޭ ވަނީ ޕާޓީއެއް ހަދާއިރު ނުކުންނަން ވާނީ އެބައެއްގެ ކެރި ކުޅަދާނަކަން ހުރި މިންވަރަށް ވިސްނައިގެން ކަމަށާއި ރައްޔިތުންގެ އިތުބާރު ނެތް ބޭފުޅުން ޕާޓީ ހަދަން ނުކުތުމުން އަދަދު ހަމަނުވުމަކީ ޕީޕީއެމްއާއި ބެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.
އަދި ސިޔާސީ ޕާޓީތައް ހެދުމުގެ ތަޖުރިބާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުގައި ހުރިކަން ފާހަގަކުރައްވަމުން އަދުރޭ ވަނީ ޔާމީން ހުންނަވައިގެން އުފެއްދި ޕީއޭވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީވި ކަމަށާއި އަދި 24 ގަޑިއިރުގެ ތެރޭގައި ގާނޫނީ އަދަދު ހަމަކޮށް ޕީޕީއެމް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށިއިރު، ޕީއެންސީ ހަދަން ހުއްދަ ދިންތާ 24 ގަޑިއިރުގެ ތެރޭގައި 5،000 ފޯމް ހަމަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިއީ ހީވާގި މުރާލި ބޭފުޅުން ކަންކަމަށް ނުކުތުމުން ވާގޮތް ކަމަށާއި ކަންނެތް އިތުބާރު ގެއްލިފައިވާ މީހުން ކަންކަމަށް ނުކުތުމުން ރައްޔިތުން ބަލައިނުގަތުމަކީ ޔާމީންގެ މައްސަލައެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.