Last Updated: June 30, 20:43
Tuesday, July 1, 2025
ޚަބަރު

ރައީސް ޔާމީން މިނިވަން ކުރަން އަލީ ވަހީދު ގޮވާލައިފި

އަލީ ވަހީދު - ފޮޓޯ: ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ޖިންސީ ގޯނާގެ ދައުވާ އަދި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގޮވާލައިފިއެވެ.

އަލީ ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓްތަކެއްގައެވެ.

އެގޮތުން އަލީ ވަހިދު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެކަމަށެވެ.

"އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މިދެންނެވި ސަބަބާހެދި." އަލީ ވަހީދުގެ ޓްވީޓްގައިވެއެވެ.

އަދި އަލީ ވަހީދު ވަނީ ރައީސް ޔާމީން މިނިވަން ކުރަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ސައްހަ ލިސްޓް ފެށެނީ ޕީޖީ ހުސައިން ޝަމީމާއި ހިސާބުންކަމަށެވެ.

"ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ! ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަޙުޤީޤު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ." އަލީ ވަހީދުގެ ޓްވީޓްގައިވެއެވެ،

މި ޓްވީޓްތައް އަލީ ވަހީދު ކޮށްފައިވާއިރު އޭނާ މިހާރު ހުރީ އިމިގްރޭޝަންގެ ކުށްތަކެއްތައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައެވެ.

އަލީ ވަހީދު ޔޫކޭގައި ހައްޔަރު ކޮށްފައި މިދިިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ ޕްރެސް ކޮންފަރެންސެއް ބާއްވާނެކަން ހާމަކޮށްފައިވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހިދު ހައްޔަރު ކޮށްފައިވަނީ ނޫސްވެރިންގެ ބައްދަލުވުން ބާއްވަން އުޅެނިކޮށް އެތަނުންނެވެ.

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ. އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ. އަދި އެ ޖަލު ހުކުމް ތަންފީޒު އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން ހާމަކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.