ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް މިފަހަރު އުންސުރު ހަމަކޮށްދޭނެކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ އޭނާގެ ކެންސަލްކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓަން އެދިފައި އޮތުމުން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދޭން ހައިކޯޓުން ނިންމުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޖީ ޝަމީމަށް ފާޑު ވިދާޅުވެ، އިންޒާރެއް ވެސް ދެއްވާފައެވެ.
"ކީރިތި ރަސޫލާއަށް ފުރައްސާރަކުރި އެމް.ޑީ.އެން ގެ ޗެއަރޕާސަންކަން ކުރިކަން ހަނދާން ނެތް ކަމަށް ވިދާޅުވި މީހަކަށް، ރައްޔިތުންގެ ނޭވާ ހޮޅިން ވެންޓިލޭޓަރުން ވައްކަންކުރިކަން ނޭނގުނު މީހަކަށް، ފަތިސް ކަމަށް މެންދުރު ޓްވީޓް ކުރާ މީހަކަށް، ޢަލީ ވަޙީދުވެސް އޮޅިދާނެ. އުންސުރު ހަމަކޮށްދޭނަން" އަލީ ވަހީދު ވިދާޅުވި އެވެ.
ދައުވާކޮށް ޝަރީއަތް ފަށާފައިވަނިކޮށް ކަފާލާތުގެ ދަށުން މީހަކު ޖާމިނުކޮށް ބޭސްފަރުވާއަށް އަލީ ވަހީދު ރާއްޖެއިން ބޭރަސް ގޮސ ްއެނބުރި އައިސްފައިނުވާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި ދައުލަތުން އެދުމުން އެ އަމުރު ކްރިމިނަލް ކޯޓުންވެސް ނެރެދީފައިނުވެއެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުންވެސް ނިންމާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެދެވެން ނެތްކަމަށެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ފުލުހުން އެދިފައި އޮތީ އަލީ ވަހީދު މިނިސްޓަރަކަށް ހުންނެވިއިރު ދޫކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކަމަށާއި، އެހެންނަމަވެސް އެ ޕާސްޕޯޓަކީ އޭނާ މިނިސްޓަރު ކަމުން ވަކިކުރުމުން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ އަމިއްލަ ޕާސްޕޯޓުގައި ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އަމުރު ނުދެވޭނެ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމް ކޮށްފައިވެއެވެ.