Last Updated: April 19, 19:29
Friday, April 19, 2024
ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް ކެމްޕެއިން ރައީސް އިފްތިތާހުކޮށްދެއްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ފައްޓަވާ "ސާފް ޗެންޕިއަންޝިޕް ކެމްޕެއިން" ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސް ވަނީ މިކެންޕެއިން އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެއްވަނަ މަގާމަށް ލިބޭ ޓްރޮފީގެ ނަކަލު ޓްރޮފީއެއްގައި ރަމްޒީގޮތުން އަތް ޖައްސަވާލައްވާފައެވެ.

ރައިސް މިރޭ އިފްތިތާޙް ކޮށްދެއްވި މި ކެންޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ސާފް ޗެންޕިއަންޝިޕް 2021 މުބާރާތާއި ގުޅިގެން މާކެޓިން އަދި ޕީއާރގެ އެކި ކަންކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މިރަސްމިއްޔާތުގައި ވަނީ މިކަމާއިބެހޭ ކުރު ވީޑިއޯއެއް ތައާރަފްކޮށް، ސާފް ޗެންޕިއަންޝިޕްގެ ކެންޕެއިންގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ދައްކާފައެވެ.

މީގެ އިތުރުން، ސާފް ޗެންޕިއަންޝިޕްގެ ހަނދާނުގައި "އަހަރެމެންގެ ފަހަރު" ނަމުގައި ފޮތެއްވެސް ތައާރަފްކޮށްފައިވެއެވެ. ފޮތް ތައާރަފްކޮށް މުބާރާތުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށް ހަނދާނީ ލިޔުން ހަވާލުކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މިއަހަރު ސާފް ޗެންޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 1 އިން ފެށިގެން އެމަހުގެ 16ގެ ނިޔަލަށެވެ. މިއީ، އެހެން ގައުމަކާއި ބައިވެރިނުވެ، ހަމައެކަނި ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.