Last Updated: April 27, 09:44
Saturday, April 27, 2024
ކުޅިވަރު

ސަލާހުގެ 100 ވަނަ ގޯލުން ލިވަޕޫލް މޮޅުވެއްޖެ

ޕްރިމިއާ ލީގުގައި މުހައްމަދު ސަލާހު ކާމިޔާބުކުރި 100 ވަނަ ގޯލުން ލިވަޕޫލް އިން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 3-0 އިން ކުރި ހޯދައިފިއެވެ.

މިއީ މި ދެ ޓީމުވެސް ލީގުގައި ކުޅުނު ހަތަރުވަނަ މެޗު ކަމަށްވާއިރު، މިއީ ލިވަޕޫލް އިން ހޯދި ތިންވަނަ މޮޅެވެ. އަދި މިއީ ލީގުގައި ލީޑްސް ބަލިވި ދެވަނަ މެޗު ކަމަށްވާއިރު އެޓީމަށް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ.

ލީޑްސްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ލިވަޕޫލް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަލާހު އެވެ. މި ގޯލު ސަލާހު ކާމިޔާބުކުރީ އާނޯލްޑް ތިރިން ނަގައިދިން ހުރަހެއް ގޯލަށް ފޮނުވާލައިގެންނެވެ.

ސަލާހު އަކީ ޕްރިމިއާ ލީގުގައި 100 ގޯލު ހަމަކުރި އެފްރިކާގެ ދެވަނަ ކުޅުންތެރިޔާ އެވެ. ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި އެފްރިކާގެ ކުޅުންތެރިއަކީ ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ އެވެ. އޭނާ ވަނީ ލީގުގައި 104 ގޯލު ކާމިޔާބުކޮށްފައެވެ.

މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިިގެން ގޮސްފައެވެ. އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 50 ވަނަ މިނެޓްގައި ފަބީނިއޯ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ 60 ވަނަ މިނެޓްގައި ލިވަޕޫލްގެ ހާވީ އެލިއޮޓް އަށް ކުރި ފައުލަކާ ގުޅިގެން ލީޑްސްގެ ސްޓްރުޖިކަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކުއެވެ. މި މެޗުގައި ލިވަޕޫލް އިން ކާމިޔާބުކުރި ތިންވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭ އެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސް އާއެވެ. އަދި ލީޑްސް ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.