Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

އަޅުގަނޑު ޖާމިނުކޮށްފައި ޔާމީން މިނިވަންކޮށްދީ: އާދަމް ޝަރީފް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން މިނިވަންކުރަންޖެހޭ ކަމަށާއި އެކަމުގައި މީހަކު ޖާމިނު ކުރަން ޖެހޭނަމަ ޖާމިނުވާން ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެމަނިކުފާނު ޖާމިނު ޖާމިނުކޮށްފައި ނަމަވެސް ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ސުޕްރީމް ކޯޓުގައި ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ފެށިފައިވާއިރު ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރުމަށް އެމަނިކުފާނުގެ ވަކީލުން ވަނީ އެދިވަޑައިގެންފައިވެ.

އާދަމް ޝަރީފް ވިދާޅުވީ ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލާނަމަ މައިގަނޑު ތިން ކަމެއް އެބައޮތް ކަމަށާއި އޭގެ ތެރެއިން އެއްކަމަކީ ޝަރުތުތަކަކާއެކު ދޫކޮށްލުން ކަމަށާއި ދެވަނަ ކަމަކީ ފައިސާ ދީފައި ކަފާލާތުގެ ދަށުން ދޫކޮށްލުން ކަމަށްވާއިރު ތިންވަނަ ކަމަކީ ޖާމިނުކޮށްފައި ދޫކޮށްލުން ކަމަށެވެ.

"އަޅުގަނޑު ވަރަށް ސާބިތު ކަމާއެކީގައި މިދަންނަވަނީ ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ރައީސް ޔާމީންއަށް ކަފާލާތު ދިނުމަށްޓަކައި ޖާމިނުވުމަށް އަޅުގަނޑު މިހިރީ ހަމަގައިމުވެސް ތައްޔާރަށް. އަޅުގަނޑު އެކަންޏަކުން ނިންމައެއް ނުލަން. އަޅުގަނޑު ދަންނަވާނީ މިތާ ތިޔަ ތިއްބެވި ކޮންމެ ބޭފުޅަކުވެސް ރައީސް ޔާމީނަށް ކަފާލާތު ދިނުމަށް ތައްޔާރަށޭ ތިއްބަވާނީ. ރާއްޖޭގައި ތިބި އެއްލައްކަ ފަންސާސް ހާސް މީހުންވެސް ތިއްބަވާނީ ތައްޔާރަށް" އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި ޤާނޫނު އަސާސީގެ ހަތްވަނަ މާއްދާ ބުނާ ގޮތުންވެސް މިއީ ކޯޓުތަކަށް އޮތް ވަރަށް މުހިއްމު ހުތޫރަތްތެރި ވަގުތެއްކަމަށާއި ދިވެހި ރައްޔިތުން މިއަދު ކޯޓުތަކަށް އިޙްތިރާމްކުރަނީ އަދި އިތުބާރު ކުރަނީ ކިހާ މިންވަރަކަށްތޯ މިއީ މިއަދު އުފެދިފައިވާ ސުވާލުތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން ވަރަށް އަދުލުވެރިކަމާއެކީގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާކަން ކަށަވަރުކޮށްގެން މިމައްސަލައިގައި ހުކުމަކާ ހަމައަށް އައުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. މިޤައުމުގެ ހަމަޖެހުމާ ސުލްހަ މަސަލަސްކަމާ ރައްޔިތުން ޖުޑިޝަރީއަށް ކުރާ ހަމައެކަނި ދެމެހެއްޓުމަށްޓަކާ ވެސް ސުޕްރީމް ކޯޓަށް މިހާރު މިހިނގަމުންދާ އިސްތިއުނާފްގެ މަރުހަލާގައި އަދުލުވެރި އިންސާފުވެރި ހުކުމެއް ކުރުމަކީ ރައްޔިތުން އިންތިޒާރު ކުރާ އަދި ރައްޔިތުން އުއްމީދު ކުރާ ކަމެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.