އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ނަގުވަން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ގުޅުއްވަމުން ގެންދަވާ ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ނަގުވަން މިނިސްޓަރު ހުސެއިން އަންގަވަމުން ގެންދިޔުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
"މިޕާޓީގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލައި ޖޭޕީގެ ހަޑިހުތުރު ގޮތްތައް ވައްދަން ނޫޅުއްވާ" ވައްޑޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ނަގުވަން ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަދި ފިޝަރީޒް މިނިސްޓަރ @DrHussainHassan އަންގަވަމުން ގެންދަވާކަމީ ކަންބޮޑުވާ ކަމެއް. މިޕާޓީގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލައި ޖޭޕީގެ ހަޑިހުތުރު ގޮތްތައް ވައްދަން ނޫޅުއްވާ!
— Waddey (@waddey_) September 12, 2021
ވައްޑެ މިހެން ވިދާޅުވި ނަމަވެސް މިނިސްޓަރު ހުސެއިން ނަން ނަގުވަން ގުޅުއްވީ ކޮން ކެންޑިޑޭޓުންތަކަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. މި އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑުވެފައެވެ.
މި އިންތިހާބުގައި އެމްޑީޕީގެ 90،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. ޖުމްލަ 455 މަގާމަކަށް މީހުން އައްޔަނުކުރާއިރު 700 އަށް ވުރެ ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެއެވެ.