Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ޕީޕީއެމުން ފަނޑިޔާރުގޭގެ ވާހަކަ ދެއްކުމަކީ "އައްޗި" ކަމެއް

އިލްހާމް އަހުމަދު - ފޮޓޯ: ވަން

ޕީޕީއެމް އިން ފަނޑިޔާރުގޭގެ ވާހަކަ ދެއްކުމަކީ "އައްޗި" ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އިލްހާމް ވިދާޅުވީ ޕީޕީއެމް އަށް ފަނޑިޔާރުގޭގެ ވާހަކަ އާއި މީހުން ހައްޔަރުކުރާ ވާހަކަ އާއި އަނިޔާކުރާ ވާހަކަ ނުދެއްކޭނެ ކަމަށާއި އެއީ "އައްޗި" ވާހަކަތަކެއް ކަމަށެވެ. އަދި ޕީޕީއެމުން ކޮރަޕްޝަންގެ ވާހަކަ ދައްކާނަމަ ރައްޔިތުން ނިކުމެ އެ ޕާޓީގެ އިސްވެރިންގެ އަނގައިގެ މަތީގައި ޓޭޕު ވެސް އަޅަންޖެހޭނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.

"ކޮރަޕްޝަންގެ ވާހަކައެއް ނުދެއްކޭނެ. އެއަށް ވުރެ ހަޑިކޮށް މާޒީ އޮތީ" އިލްހާމް ވިދާޅުވިއެވެ.

އެ ވާހަކަތައް ނުދެއްކުނު ނަމަވެސް ޕީޕީއެމް އަށް ތަރައްގީގެ ވާހަކަ ދެއްކޭނެ ކަމަށާއި އެ ޕާޓީގެ ވެރިކަމުގައި ތަރައްގީ ގެނެސްދީފައިވާ ކަމަށް އިލްހާމް ވިދާޅުވިއެވެ. ނަމަވެސް ފަނޑިޔާރުގޭގެ ވާހަކަ ދައްކަން ޕީޕީއެމުން ހެޔޮނުވާނެ ކަމަށާއި ކުރީ ސަރުކާރުގެ ދުވަސްވަރު ކޯޓުތަކުގައި ތިބި ފަނޑިޔާރުންނަށް ބިރު ދެއްކި ވަރު އެ ފަރާތްތަކަށް އެނގޭނެ ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.

"ޔުނިފޯމުގައި ތިބި ބޭފުޅުން ވަދެ ހުކުމް ކުރާށޭ ބުނީ. ޔުނިފޯމަށް ތަރި އަރާފައި ތިބި ބޭފުޅުން ވަޑައިގެން ވިދާޅުވަނީ މިވެނި ބޭފުޅަކަށް ހުކުމް ކުރާށޭ. އެހެންވީމަ އެއީ ވަރަށް އައްޗި ވާހަކަ" އިލްހާމް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި އިދިކޮޅު ގިނަ ފަރާތްތަކެއް ޖަލަށްލާން ހުކުމް ކުރިއިރު، ބައެއް ސިޔާސީ ލީޑަރުން ވަނީ ރާއްޖެ ދޫކޮށް ބޭރަށް ވެސް ވަޑައިގެންފައެވެ. އެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގެންނެވީ ރިޔާސީ އިންތިހާބުން ޔާމީން ނާކާމިޔާބުވުމާ ގުޅިގެންނެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން މިހާރު ފަސް އަހަރުގެ ޖަލު ހުކުމެއް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ.